ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 22:52
ފެނާއި ސިއްހަތާއި ތައުލީމު ފަދަ އާންމު ޚިދުމަތްތަކުގެ ބިނާވެށިން 19 ޕަސެންޓް ހިއްސާކުރާއިރު، ވިޔަފާރި އަދި ސިނާއީ އިމާރާތްތަކަށް ދީފައިވާ ގެއްލުންތައް ހިއްސާ ކުރަނީ 9 ޕަސެންޓް
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
އިޒްރޭލުން ޣައްޒާގެ މުހިންމު ބިނާރަށް ދިން ގެއްލުން... އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް!
 
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޣައްޒާގެ މުހިންމު ބިނާރަށް ލިބުނު ގެއްލުމުގެ އަގަކީ، ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޖީޑީޕީގެ 97 ޕަސެންޓާ އެއްވަރުގެ އަދަދެއް
 
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުހިންމު ބިނާރުތަކަށް ދީފައިވާ ގެއްލުންތަކުގެ އަސަރު، އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް ވެސް ކުރޭ

ފަލަސްޠީނުގެ ބިންތަކަށް ފެންބޮވައިގަނެފައި އޮތް ޔަހޫދީ އިޒްރޭލުން، ޣައްޒާގައި ހިންގަމުން ގެންދާ ނިރުބަވެރި ގަތުލުއާންމު ހުއްޓުވަން މުޅި ދުނިޔެ ފެއިލްވެފައި އޮންނަތާ އަހަރު ދެބައިވީއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެމުންދިޔަ އާބާދެއް ހަފުސްކޮށް، ސުންނާފަތި ކުރަމުން އެ ދަނީ، ބައިނަލްއަގުވާމީ އެއްވެސް ބާރަކަށް، ނިރުބަވެރި އިޒްރޭލުގެ މައްޗަށް ބާރު ނުހިންގޭނެކަމަށް ގަދަބަސް ބުނަމުންނެވެ.

ވަރލްޑް ބޭންކާއި އދއިން އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ޣައްޒާގެ މުހިންމު އިންފްރާސްޓްރަކްޗަރަށް ނުވަތަށް ބިނާރަށް ދީފައި ވާ ގެއްލުންތަކުގެ އަގު، ގާތްގަނޑަކަށް 18.5 ބިލިއަން އެމެރިކާ ޑޮލަރު އަރާނެ ކަމަށް ލަފާކުރެވެއެވެ. އެއީ އަދުގެ މާލީ ބާޒާރުގެ މިންގަނޑުން، ދިވެހި ރުފިޔާއާ އަޅާ ބަލާނަމަ ގާތްގަނޑަކަށް ދުއިސައްތަ އަށްޑިހަ ހަ މިލިއަން ދިހަ ހާސް ރުފިޔާއެވެ.

ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއެކު ތައްޔާރު ކުރި މި ރިޕޯޓުން ދައްކާ ގޮތުގައި، އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޣައްޒާގެ މުހިންމު ބިނާރަށް ލިބުނު ގެއްލުމުގެ އަގަކީ، 2022 ވަނަ އަހަރު ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 97 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

ގެދޮރު ގެއްލި ހިނގައްޖެ. އަހަރެމެން މިތިބީ ޒަޚަމްވެސްވެފަ. މުސްތަޤުބަލު ގެއްލިއްޖެ. އަހަރެމެން މަސައްކަތް ކުރަމުން ދިޔަ މަޝްރޫޢުވެސް ފުނޑިއްޖެ. އަހަރެމެން ދިޔައީ އައު ރެސްޓޯރަންޓެއްގެ މަސައްކަތް ކުރަމުން، ދެން މި ޔަހޫދީންގަނޑު އަރައިގަނެ، މުޅި މުސްތަޤުބަލު ނިގުޅައިގަތީ.
ޙަމްޒާ އަބޫ އަލްކާސް؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ރަށްވެއްސެއް

އިންޓަރިމް ޑޭމަޖް އެސެސްމަންޓް ރިޕޯޓުގައި، ރިމޯޓް ޑޭޓާ ކަލެކްޝަން ނުވަތަ ތަފާސް ހިސާބު އެއްކުރާ އެކަހެރި މަސްދަރުތައް ބޭނުންކޮށްގެން، އޮކްޓޯބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދު ޣައްޒާގެ މުހިންމު ދާއިރާތަކުގެ ބިނާރަށް ދީފައިވާ (ފިޒިކަލް) ގެއްލުންތައް ވަޒަން ކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުހިންމު ބިނާރުތަކަށް ދީފައިވާ ގެއްލުންތަކުގެ އަސަރު، އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް ވެސް ކުރެއެވެ. ގެއްލުމުގެ އަންދާސީ އަދަދުގެ 72 ޕަސެންޓް ހިއްސާކުރަނީ ބޯހިޔާވަހިކަމުގެ ދާއިރާއެވެ. ފެނާއި ސިއްހަތާއި ތައުލީމު ފަދަ އާންމު ޚިދުމަތްތަކުގެ ބިނާވެށިން 19 ޕަސެންޓް ހިއްސާކުރާއިރު، ވިޔަފާރި އަދި ސިނާއީ އިމާރާތްތަކަށް ދީފައިވާ ގެއްލުންތައް ހިއްސާ ކުރަނީ 9 ޕަސެންޓްއެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މުޅި ޣައްޒާ އޮތީ ހަފުސްކޮށްފައެވެ. އިމާރާތްތައް ބިމާހަމަކޮށްފައި ވާއިރު، މުޅި ރަށް ފެންނަނީ ގައުކުނޑީގެ ފަރުބަދަތަކެއްގެ ގޮތުގައެވެ. ގައުކުނޑި ކުނިފުނީގެ ބަރުދަން އެކަނިވެސް، 26 މިލިއަން ޓަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެ ތަންތަނުގެ ދަށުގައިވެސް އެތައް ބައެއްގެ ހަށިގަނޑު ވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ބިމާ ހަމަކޮށްފައިވާ ބިނާވެށި ސާފުކޮށް ނިންމަވެސް އެތައް އަހަރެއް ހޭދަ ވާނެ ކަމަށް އދއާއި ވަރލްޑް ބޭންކުގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އަހަރެންގެ މުޅި އުމުރު ދުވަހުގެ މަސައްކަތުން ނަގާ ކޮޅަށް ޖެހި ގެ، އިމާރާތް، ސުންނާފަތިކޮށްފި. އަހަރެންގެ މުޅި ދިރިއުޅުން ގެއްލި ހިނގައްޖެ. އަހަންނަށް ކާފަ ކިޔާ ދެ ދަރިން ޝަހީދުކޮށްފި. އެއް ކުއްޖަކަށް 2 އަހަރު، އަނެކަކަށް 7 އަހަރު. އާއިލާގެ ގިނަ މެންބަރުން ތިބީ ދެކުނުގަ... "ޣައްޒާ އަށް މުސްތަޤުބަލެއް ނެތް. އެއީ އިޒްރޭލުގެ ސުންޕާ ޖާރީމަތަކާ ހެދި. ކުޑަކުދިން މަރާ، އަންހެނުން މަރާ، ގެދޮރު ހަލާކުކޮށް، މުސްތަޤުބަލުވެސް މަރާލީ. ކުރިން އޮތީ.. ކުރިން، މުސްތަޤުބަލަށް އިންތިޒާރު ކުރެވޭމ ކާފަދަރިންނަށް އަދި... އަހަރެމެންގެ ދަރިން ކައިވެނި ކުރާނެ ދުވަހަކަށް އުންމީދު ކުރެވޭ - މިއަދު، އަދުގެ މުހުތާދުތައްވެސް ނުފުދޭ.
މުޙައްމަދު އަބޫ އަލްކާސް؛ ގެދޮރު ގެއްލިފައިވާ ޣައްޒާ ރަށްވެއްސެއް

ބިނާރުގެ ވެށިން ހަވާސާވެ، އިންސާނިއްޔަތުގެ ކަމުގެ ދާއިރާއަށްވެސް މި ރިޕޯޓްގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން، ޣައްޒާގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން މިހާރު ތިބީ އިންތިހާއަށް ބަނޑަށް ޖެހުމުގެ އަނދަވަޅަށް ވެއްޓުމުގެ ތުންފަތް މަތީގައި ކަމަށާ، މުޅި ޣައްޒާގެ އާބާދީއަށް، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލިފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން، ވަންނާނެ ގެދޮރެއް ނެތިފައި ތިބި އިރު، އާބާދީގެ 75 ޕަސެންޓް މީހުންނަކީ އުފަން ފަސްގަނޑުގައި ރެފިއުޖީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް