މިސަރުކާރުގެ އަސްލު ސްޕީޑް ރައްޔިތުންނަށް ފެނިގެންދާނެ ހަމައެކަނި މަޝްރޫޢަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިޔަށްގެންދާ ރަސްމާލެ މަޝްރޫޢުކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ އަލި މަނިކު ވިދާޅުވީ މިސަރުކާރަށް ހަތަރު މަސް ވެފައިވާއިރު މިސަރުކާރުން ޕްލޭންކޮށް، އިއުލާންކޮށް، ކޮންޓްރެކްޓަރުން ހޯދައިގެން ފަށާފައިވާ އެއްވެސް މަޝްރޫޢެއް ރަސްމާލެ މަޝްރޫޢު ފިޔަވައި ނޯންނާނެކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައިއިރު މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށާއި މިސަރުކާރު އައިސް ފެށި މަޝްރޫޢުތައް އަދަދުތަކުން ވަނީ ވިދާޅުވެފައެވެ.
އެވާހަކައަށް ރައްދުދެއްވާ ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އާރުޑީސީގެ 26 މަޝްރޫޢު ހިނގާ ކަމަށް ވިދާޅުވިނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު އާރުޑީސީން ހިންގަމުންދިޔަ މަޝްރޫޢުތައް އެއަށްވުރެ ގިނަކަމަށެވެ. އަދި މިސަރުކާރުން އާރުޑީސީއަށް އައު މަޝްރޫޢެއް ހަވާލުނުކުރާކަމަށާއި އެކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅުކަމަށް މޫކޭ ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި ހިންގަމުންދިޔަ މަޝްރޫޢުތައް އެކި ސަބަބުތަކާހެދި މަޑުޖެހުނުކަމަށާއި ނަމަވެސް އެއްވެސް މަޝްރޫޢެއް ހުއްޓާލާފައިނުވާނެކަމަށް ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ރައީސް މުއިއްޒު މިދިޔަ ސަރުކާރުގެ މަޝްރޫޢުތަކުގެ ވާހަކަތައް ދެއްކެވުމަށްވުރެ މިސަރުކާރުން އަލަށް ފަށައިގެން ކުރިޔަށްގެންދާ މަޝްރޫޢުގެ ވާހަކަ ދެއްކުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ބުރިޖު މަޝްރޫޢު އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު ބޭނުންވި ގޮތަކަށް ނޫން އެކަން ނިމިގެންދޔައީ. އެހެންނަމަވެސް ކުރިޔަށްވުރެ 1.1 އިންސައްތަ ތާވަލަށް ވުރެ ކުރިޔަށް ނިމިއްޖެއޭ ކިޔާފައި ހެޑްލައިން ހެއްދެވިއިރު އެއީ ކުރީ ސަރުކާރުގައި މަޝްރޫޢެއް އެ ކޮންޓްރެކްޓަރ، އޭގެ އަގަށް އިތުރު ބަދަލެއް ނާދެއޭ އެމީހުން މަސައްކަތްކުރަމުންދަނީ. އެތަނަށް ގޮސް ފޮޓޯ ނެގުމަށްވުރެ އަޅުގަނޑު ހިތުން މުހިންމޭ އެމަނިކުފާނުގެ އަމިއްލަ މަޝްރޫޢޫ އެއީ ރަސްމާލެ މަޝްރޫޢު . ރަސްމާލޭގެ ސްޕީޑް އެއް ހަފްތާތެރޭ 10 ހެކްޓަރު ހިއްކައިގެން ބޮނޑި ބަތް ކަށްކައިގެން ނަށާ ހެދި ގޮތަށް މިހާރު ގޮސް މިދިޔަ ހަތަރު މަސް ތެރޭގައި ކިތައް ހެކްޓަރު ގިރައިފިތޯ ރައްޔިތުންނަށް ދައްކާލާފައި ކިތައް ހެކްޓަރު ހިއްކުނުތޯ ދައްކާލީމާ އަސްލުގައި ސަރުކާރުގެ ސްޕީޑް ރައްޔިތުންނަށް ފެންނާނީ.މޫސާ އަލި މަނިކު
މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވީ ވައުދުތައް ނުފުއްދަވާކަމަށާއި އެކަމުގެ ސަބަބުން މުއިއްޒުގެ އިތުބާރު ގެއްލުނީ އިދިކޮޅު ފަރާތްތަކުގެ އެކަނި ނޫންކަމަށެވެ. ހުދު އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެތައް ގޮތަކުން މަސައްކަތްކުރި އެތައް ބަޔެއްގެ އިތުބާރު މުއިއްޒާމެދު ގެއްލިފައިވާކަމަށް މޫކޭ ވިދާޅުވިއެވެ.