މާފުށީ ޖަލުގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުންގެ އޮފިސަރަށް ހަމަލާދީ ޒަހަމް ކޮށްލި މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޯޓުން އަމުރު ކޮށްފިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާން އެވެ. އަދި އޭނާ އަށް ވަޅި ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އަޒުހަރު އިބްރާހިމް، ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުށުގެ ރިކޯޑު އޮންނަ އަޒުހަރު 32، ގެ އިތުރުން މި މައްސަލާގައި ހައްޔަރުކުރި އަނެއް ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖާ، ޖުވެނައިލް ކޯޓުން ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކުޑަކުއްޖާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް ޖުވެނައިލް ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި އަޒުހަރުގެ އިތުރުން ބަންދުގައި މިހާރު ތިބީ އުމުރުން 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުގެ ތެރޭގަ އެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދޭއިރު، ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނިގޮތުގައި ރައްޒާނަށް ހަމަލަ ދިން ހ. ކުއްޅަވައްމާގޭ އަޒުހަރަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރު ކުރި މީހެއް ކަމަށެވެ. އަޒުހަރު އަތުން ފެނުނު ދެ ގޯނީގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓެރީ އާއި ހެޑް ސެޓް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.