ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން ކަމަށާއި، ގެއްލިގެން އުޅުއްވާ ފައިސާ ރާއްޖޭގެ ބޭންކުތަކުގައި ބޭނުން އިރަކު ނެގޭގޮތަށް އިންވެސްޓްކޮށްފައި ހުންނާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ. އަދި މިއަދު އެ އަދަދު ހުންނާނީ 35 މިލިއަން ޑޮލަރުގައި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ މިއީ ރޯ ބުހްތާނު ދޮގެއް ކަމަށެވެ.
އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު އެ ފަންޑުގައި 32 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މި ޒަމާނުގައި މޭޒުމަތީގައި ފައިސާ ބޮނޑި ބަހައްޓަން ނުޖެހޭ ކަމަށާއި، މިއީ އެ ފެންނަން ނެތިއްޔާ އެ ނެތްކަމަށް ދެކިގެން އުޅޭ ޒަމާނެއް ނޫން ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ 30 މިލިއަން ޑޮލަރު ހުންނާނީ ރާއްޖޭގެ ބޭންކުތަކުގައި ބޭނުން އިރަކު ނެގޭ ގޮތަށް އިންވެސްޓު ކޮށްފައި ކަމަށެވެ.
އަޅުގަނޑުމެން ވެރިކަމަށް އައި އިރުގައި އެ ފަންޑުގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ވެރިކަމުން ފޭބި އިރުގައި 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުންނާނެ. މިދިޔަ އަހަރު ތެރޭގައި އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށައިފިން. އެހެންވެ އެތަނުގައި 30 މިލިއަން ޑޮލަރު އެހުރީ. ކޮވިޑްގެ ތެރޭގައި ރާއްޖެއަށް ޑޮލަރު ނުލިބިގެން، ތެދެއް އެ ބޭނުންކުރަންޖެހުނު. އެއީ ކުރިމަތީގައި ބަހައްޓައިގެން އިންނާކަށް ނޫން އެ ފައިސާ ހުރީކީ. ފެންނަން ނެތިއްޔާ ނެތްކަމަށް! މިހިރީ އޮޅުވާލަން ދައްކަމުންދާ ވާހަކަ.ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވިދާޅުވީ ދޮގު ހެދުމާއި އޮޅުވާލުމަކީ މި ސަރުކާރުން ނުކުރާކަމެއްކަމުގައި ނުބުނެވޭނެ ކަމަށެވެ. އިހައް ރެއަކުވެސް ރައީސް މުއިއްޒު ހެއްދެވި ދޮގުތަކާއި، އޮޅުވާލުން އެއީ ދެރަވަރު ކަންކަން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު އެއްކަމަކަށް ވިދާޅުވީ މުޅިން އަލަށް އޭޑީބީން 70 މިލިއަން ޑޮލަރުގެ ފައިސާ ހޯއްދެވި ކަމަށެވެ. އެގޮތުން އެ ފައިސާއިން ވަޔާއި އިރުގެ އަލިން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ޕްރޮޖެކްޓް ހިންގަވާނެކަމަށް ވިދާޅުވިއިރު އެއީ މީގެ 2 އަހަރު ކުރިން އޭޑީބީއާއި މަޝްވަރާކޮށް، އެޕްރޫވްކޮށް އަދި ބިޑްކޮށް އެވޯޑްކޮށް ސޮއިކުރަން ނޯޓިސް ދީފައި އޮތް ޕްރޮޖެކްޓެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.