މިއަދު ފެންނަނީ ފެހި ޤާނޫނު އަސާސީން ލިބިދިން ހައްގުތައް ކަށަވަރުކުރަން އިތުރު އެތައް މަސައްކަތެއް ކުރަން ޖެހިފައިވާތަން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރި ބަޔަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ހުރިހާ ވެރިކަމެއްގައި ވެސް ދައްކުވައިދެނީ ތަރައްޤީ އާއި ހަމަހަމަކަން ކަަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކާއި ބޮޑެތި ބަދަލުތައް ގެނައުމުގައި އެހެން ޕާޓީތަކުން އެމްޑީޕީން ކުރި ފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަަމަށެވެ. އަދި އެމްޑީޕީގެ ރަމްޒުކަމަށްވާ ތިލަފަތްވެސް ރަމްޒުކޮށްދެނީ ހަމަހަމަކަން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ މިހިސާބަށް ގެނައުމުގައި އެމްޑީޕީން ވަނީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައި ކަަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން އައްޔަންކޮށް ސިޔާސީ ގޮތުން މަތި ބަރު ސަރުކާރަކަށް މި ސަރުކާރު ހަދާފައިވާ ކަަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ބޭސް ސިޓީ އަށް ސަލާން ޖެހުން ހުއްޓުވާލަން ކުރިން އެމްޑީޕީން މަސައްކަތް ކުރި ފަދައިން މިއަދު އާސަންދަ އަށް ސަލާން ޖަހަން ޖެހޭ މިންވަރަށް ކަންކަން ގޯސްވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އާސަންދަ އަށް ސަލާންޖަހަން. އެބަ ބަލާ އައިޑީކާޑު ބަލައިގެން ކޮން ޕާޓީ އެއްގެ މީހެއްތޯ އެއީ. ހަމަ ޔަގީނުން ވެސް އެމްޑީޕީގެ ނިމިދިޔަ ދެ ސަރުކާރުގައި ވެސް ކުރި ކަމެއް ނޫން އެއީކީ. ގާނޫނަށް ބަދަލުގެނެސްގެން ވެސް އެކަން ހައްލުކުރާނަން.އަސްލަމް
އަސްލަމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރު އޮތީ މަތިމަރުވެފައި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ވަޒީފާގެ ބިރުވެރިކަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. މިއަދު ވަޒީފާތައް ދެމުންދަނީ ޤާބިލްކަމަށް ބަލާފައި ނޫން ކަމަށާއި އެކަން ކުރަނީ ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.