ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވީ އެންމެ 74 ރަށުގައި އެކަނި ނޫން ކަމަށާއި، އެކިއެކި ރަށްރަށުގައި ފަށާފައިވާ ހުރިހާ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެށި މަޝްރޫއެއް ކަމަށާއި، އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އެގޮތުން ފަސް އަހަރު ނިމިނުއިރު ފެނާއި ނަރުދަމާގެ 48 ރަށުގެ މަޝްރޫއު ނިމިފައިވާ ކަމަށާއި، 98 ރަށުގެ މަސައްކަތް ނިމުމާއި ގާތްވެފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ޖުމްލަ 74 ފެނާ ނަރުދަމާގެ މަޝްރޫއު ހިނގަމުންދާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި ރައީސް ސާލިހު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދަންވީ 74 ރަށުގައި އެކަނި ނޫން ކަމަށާއި ހުރިހާ ރަށެއްގައި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ބަނދަރުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވެރިކަމުން ފޭބިއިރު، 52 މަޝްރޫއު ނިމިފައިވާ ކަމަށާއި، އޭރު ވެސް 42 ބަނދަރެއްގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
މިވޭތުވެދިޔަ 3 މަސްދުވަސްތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ލޯނެއް ނުނަގާ ހަރަދުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވެސް ރައީސް ސާލިހު ވަނީ ރައްދުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ 1.1 ބިލިއަން ރުފިޔާގެ ތެރެއިން 70 އިންސައްތައަކީ ކުރީ ދައުރުގައި ހޯދާފައިވާ ލޯނުގެ ތެރެއިން ހިންގާ މަޝްރޫއުތައް ކަމަށެވެ.
އައްޑޫ ސިޓީ މަގުތައް ހަދާ މަޝްރޫއަށް ފައިސާ ދީފައި އެބަހުރި މިތިން މަސްތެރޭގައި. ފެނާއި ނަރުދަމާގެ މަޝްރޫއު އެބަހުރި ފައިސާ ދީފައި އެބަހުރި. އެއީ އެގްޒިމް ބޭންކް ފައިނޭންސް. ގުޅިފަޅާއި ތަންތަން ހިއްކުމަށް ކުރި މަޝްރޫއަށް އެބަހުރި ދީފައި. އެވިދާޅުވީ 1.1 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 707 މިލިއަން ރުފިޔާ އަންދާޒާ ކޮށްފައި މިދަންނަވަނީ. އަޅުގަނޑުމެން ބޭރުން ލޯނުގެ ގޮތުގައި ހޯދާފައި ހުރި ފައިސާ. ދެން ވިދާޅުވީ އަޅުގަނޑުމެން ކުރީ 900 މިލިއަން ރުފިޔާއޭ. މިވީ ކޯއްޗަކަށްތޯ. މިދައްކަވަނީ ކޮންވާހަކައެއް ތޯ. މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން 36 ބިލިއަން ރުފިޔާ އަޅުގަނޑުމެން ހުންނާނީ އިންވެސްޓްކޮށްފައި. އެހެންވީމަ ތެދުވެރިކަމާއެކު ވެރިކަން ކުރައްވާނީ. އަނެއްކާގެ ވެސް މީހުންގެ ކުރިމަތީގައި އަގުވެއްޓުމާއި މީހުން ސަރުކާރާއި މެދު ކުރާ އިތުބާރު ގެއްލިގެންދާނީ. ލޯނު ދެއްކުމަށް ތިމަންނަ 811 މިލިއަން ރުފިޔާ ތިމަންނަ ހަރަދުކޮށްފީމޭ. އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 26 ބިލިއަން ރުފިޔާ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ހަރަދުކުރިން. އެއީ މަހަކަށް 400 މިލިއަން ރުފިޔާ. އެހެންވީމަ މިއަދަދުތައް އޮޅުވާލަންވެގެން ވާހަކަ ދައްކަވާތީ އަޅުގަނޑަށް ދަރައީ. ފިނޭންސް މިނިސްޓަރެއް އެބަ ހުންނެވި. އެޑްވައިޒަރުން އެބަތިއްބެވި. އެމްއެމްއޭ ގަވަރުނަރެއް އެބަ ހުންނެވި، މިކަންތައްތައް ކިޔާ ދެއްވަންވީނުންތޯ. އެޗްޑީއެފްސީގައި އެބަހުއްޓޭ 32 މިލިއަން ޑޮލަރު އޭގެތެރެއިން 30 މިލިއަން ތިމަންނަމެން ހުންނާނީ އިންވެސްޓްކޮށްފައޭ. އެއްގޮތަކަށްވެއްޖެއްޔާ ނުކިޔާދެނީ. އަނެއް ގޮތަކަށް ވެއްޖެއްޔާ އެނގިވަޑައިނުގަންނަވަނީއެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް ސާލިހު ވިދާޅުވީ އަދިވެސް މިސަރުކާރުން މަސައްކަތް ކުރަނީ ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.
މިސަބަބުތަކާއި ގުޅިގެން ރާއްޖެ ހަމަމަގަށް އެޅުމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ސީދާ ފައިދާ ލިބޭކަންކަން ކުރަމުންދާނީ އެމްޑީޕީން ކަމަށާއި، ސިޔާސަތުތައް ބަންޓަން ކުރެވިފައިވަނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.