ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރަން ބޭނުންފުޅުވާ ކަމަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދު ހޮނިހިރުދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ނާއިންސާފު ހުކުމެއް ކަމަށް އދ އާއި ބައިނަލްއަޤްވާމީ މުޖުތަމައު އިން ބުނާ ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު ބަދަލުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކޮށް، ދައުލަތުގެ އިދާރާތަކުގައި ތިއްބެވި ބޭފުޅުން މަގާމުގައި ދަމަހައްޓަވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެ ވަޑައިގެން މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މަޖިލީސް ހަމަމަގަށް އެޅުވުމަށް އޮތް އެންމެބޮޑު ހުރަހަކީ މަޖިލީހުގެ ރައީސްކަމަށް ބުނެ މި ހަތަރު ލީޑަރުން ގުޅިގެން މަޖިލީސް މެމްބަރުން މެދުވެރިކޮށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ވަނީ ގެއްލުވާލާފައެވެ.ނަމަވެސް ސަރުކާރުން ގެންދަނީ މަޖިލީހުގެ ތަޅުމަށް އަސްކަރިއްޔާ އާއި އެސްއޯ ފުލުހުން ވައްދައިގެން އިދިކޮޅު މެމްބަރުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ.
Maldives will change for the better. We need a National Unity Govt to stabilize politics & should maintain composition of our institutions.
— Mohamed Nasheed (@MohamedNasheed) August 5, 2017