ދިވެހި ފުލުހުންގެ ޚިދުމަތުން ތިން ދުވަސް ތެރޭގައި 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ފާއިތުވި 3 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ގުޅިގެން މަސްތުވާތަކެއްޗާ ގުޅޭ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މި އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 21.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 410 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ އިރު މާރޗް މަހު އެކަނި ވެސް 130 މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.
މިނިސްޓަރު އިހްސާން ވަނީ ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް، އެއަށް އޮތް ޑިމާންޑު ދަށްކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.