ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 23:18
މާފަންނު ހުޅަނގު ދާއިރާގެ މެންބަރ ފަލާހް ފަލަ ސުރުޚީގައި ވާހަކަ ދައްކަވަނީ
މާފަންނު ހުޅަނގު ދާއިރާގެ މެންބަރ ފަލާހް ފަލަ ސުރުޚީގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ސަރުކާރުން އުޅެނީ ގަދަކަމުން ގެންދިޔަ މެންބަރުން ނުކުމެ ޔާމީނާ ދެކޮޅުވީތީ ބިރުން:ފަލާހު
މެންބަރުން ޕީޕީއެމަށް ބަދަލުވިއިރު މައްސަލައަކަށް ނުވި
ފަނާ ކުރަނިވި ކަންކަން ކުރަނީ ސަރުކާރުން

މިއަދު ސަރުކާރަށް ވެގެން އުޅޭ ގޮތަކީ އެހެން ޕާޓީތަކުން ގެންދިޔަ މެންބަރުން ނުކުމެ ސަރުކާރާ ދެކޮޅުވީތީ ގަންނަ ބިރުން ކުރަމުންދާ ކަންތައްތަކެއްގެ ސަބަބުން ދިމާވެގެން އުޅޭ ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންެނެވެ.

ސަލާމަތީ ޚިދުމަތްތަކުން ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައި މަޖިލީހަށް ވަންކަމުގެ ތުހުމަތުގައި މިހާރު ފުލުސް އޮފީހަށް ހާޒިރު ކުރައްވަމުން ގެންދަވާ ފަލާހް ވިދާޅުވީ ސަރުކާރުން ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އޮޅުން ބޮޅުން ކޮށްލާފައިވާ ކަމަށާއި ބޭނުމަކީ އެމަޖިލިސް ހިސޯރުކޮށްގެން ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ބަގުޑި ބައްދަވައިގެން ހުންނެވުން ކަމަށެވެ.

ފަލާހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ފަނާކުރަނިވި ޚިޔާލު ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ހަޤީގަތުގައި ޤައުމު ފަނާ ކުރަމުން ދަނީ ސަރުކާރުން ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މިއަދު އިސްލާހަށް މަސައްކަތް ކުރާ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ މިސަރުކާރަށް ހަޖަމްވި ކަމެއް ނޫން ކަމަށާއި ހުރިހާވެސް ކަމެއް މެދުވެރިވެގެން މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން ކަމަށް ފަލާހު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނީކީ ރައްޔިތުންގެ ތާއީދެއް އޮވެގެން ނޫން ކަމަށާއި މަޖިލީހަށް ހޮވުނު މެންބަރުން ސަރުކާރުން ގެންދިޔަ ގޮތަކަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މަޖިލިސް މެންބަރުން ޕީޕީއެމަށް ދިޔުން ސަރުކާރަށް މައްސަލައެއް ނޫން ކަމަށާއި މައްސަލައަކަށް ވެގެން އުޅެނީ ހަމަ އެމެންބަރުންނަށް ހަމަވިސްނިވަޑައިގެން ޕީޕީއެމް ދޫކުރައްވާ އިދިކޮޅު ފަރާތްތަކާ ގުޅުމުން ކަމަށެވެ. އެކަމަކު މިއަދު ސަރުކާރުން ދައްކާ ވާހަކަތައް ރާއްޖޭގެ ރައްޔިތުން ޤަބޫލު ނުކުރާ ކަމަށާއި މިއަދު ރައްޔިތުންނަށް ވާނުވާ އެނގޭކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އެވަނީ އެކަން ހާމަކޮށްދީފައި ކަމަށާއި މިއަދު ރާއްޖޭގައި ވޯޓެއް ނެގިއަސް ރައީސް ޔާމީނަށް 10 ޕަސެންޓް ވެސް ނުލިބޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.

- ކޮމެންޓް