ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 00:23
ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް، އަދި ރައީސް މުޢިއްޒު
ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް، އަދި ރައީސް މުޢިއްޒު
ރައީސް އޮފީސް
ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް
މިނިސްޓަރު ޚަލީލްގެ ވީޑިއޯއެއް، ވިދާޅުވަނީ ރައީސް މުޢިއްޒު އަށް ދޯކާ ދީގެން ނުވާނެ ކަމަށް!
 
އެ ވީޑިއޯ އަކީ ނިލަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަޙުމަދު ރަޝީދު އަށް ތާއީދު ކުރާ މީހަކާ މިނިސްޓަރު ޚަލީލް ދައްކަވާފައިވާ ވާހަކައެއް

ފ.ނިލަންދޫގެ ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް "ދޯކާ"އެއް ދީގެން ނުވާނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަނީ މިނިސްޓަރު ޚަލީލް އެކަންޏެވެ. އެ ވީޑިއޯ އަކީ މިނިސްޓަރު ޚަލީލް ނިސްބަތްވާ، ފ.ނިލަންދޫ ގެއެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯ އެކެވެ. "ރާއްޖެ އެމްވީ" އަށް މައުލާމާތު ދެމުން ނިލަންދޫ މީހަކު ބުނީ، އެ ވީޑިއޯ އަކީ ނިލަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަޙުމަދު ރަޝީދު އަށް ތާއީދު ކުރާ މީހަކާ މިނިސްޓަރު ޚަލީލް ދައްކަވާފައިވާ ވާހަކަ އެކެވެ.

އެ ވީޑިއޯ ފަށާ ތަންކޮޅުން އިވެނީ، ދާދި ފަހުން ރައީސް މުޢިއްޒު ނެރުއްވި އެއާޕޯޓު ޤަރާރާ ގުޅޭ ގޮތުން މިނިސްޓަރު ޚަލީލް ވާހަކަ ދައްކަވާ އަޑެވެ. އެގޮތުން ރައީސް މުޢިއްޒުގެ ޤަރާރަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށް ޚަލީލް ވިދާޅުވެ އެވެ. އަދި އޭގައި ނިލަންދޫގައި ނަން ހިމަނައި، ރައީސް މުޢިއްޒު ސޮއި ކުރައްވާފައިވާއިރު، ދޯކާއެއް ދެއްވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ނިލަންދޫ ރައްޔިތުން ރައީސް މުޢިއްޒު އަށް ދޯކާއެއް ދީފި ނަމަ، އެ ދޯކާ އެ ރަށު ރައްޔިތުންނަށް އަންނާނެ ކަމަށް ވެސް މިނިސްޓަރު ޚަލީލް ވަނީ ވިދާޅުވެފަ އެވެ. އެ ނޫން އެހެން ގޮތަކަށް އެކަން ނުވާނެ ކަމަށް ވެސް ޚަލީލް ވިދާޅުވެ އެވެ. އަދި ރައީސް މުޢިއްޒު އަށް ވަފާތެރިކަންމަތީ ނިލަންދޫ ރައްޔިތުން ތިބެއްޖެނަމަ، އެ ރަށު ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ވެސް ވާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓާއި، ފެނާއި، ނަރުދަމާ އަދި އެހެނިހެން ކަންކަން ވެސް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ، އެމަނިކުފާނަށް ހާމަނުކުރެވޭނެ ބައެއް ކަންކަން ވެސް ހުރި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ކެބިނެޓުގައި އިންނެވީ ނިލަންދޫގެ މީހެއް ކަމަށާއި، އެހެން އެއްވެސް ރަށަކަށް ނުކުރެވޭ ކަންކަން ކުރައްވާނެ ކަމަށް ވެސް ޚަލީލް ވަނީ ވިދާޅުވެފަ އެވެ. އަދި ރަށެއް ކުރިއަރައިގެން ދަނީ ދައުލަތުގައި ތިބޭ މީހުން ބޭނުންވާ ގޮތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި މިއީ، ނިލަންދޫ ދައިރާ އަށް ވާދަކުރައްވާ ރައީސް މުޢިއްޒުގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ އަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިނިސްޓަރު ޚަލީލް، އޭނާގެ އާއިލާ މީހަކާ ދައްކާފައިވާ ވާހަކަ އެވެ. އެގޮތުން އެ ވީޑިއޯގައި މިނިސްޓަރު ޚަލީލް ވާހަކަ ދައްކަވާ މީހާއާ މުޚާތަބުކޮށް ވާހަކަ ދައްކަވަނީ، "ދޮންބެ" ކިޔައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް