ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި އެވެ.
މުހުތާޒްގެ އުނަގަނޑަށް ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. ހޮނިހިރު ދުވަހު މުހުތާޒް އަނބުރާ ޖަލަށް ގެންގޮސްފައި މިވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ގާތްގަނޑަކަށް 15 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު އެވެ.
މީގެ ކުރިން މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އަދި އެފަހަރު ވެސް މުހުތާޒްގެ އުނަގަނޑަށް ބާރުގަދަ ސްޓެރޮއިޑް އިންޖެކްޝަނެއް ޖަހާފައިވެ އެވެ.
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި 17 އަހަރަށް ޖަލަށް ލުމުގެ ކުރިން ވެސް އުނަގަނޑުގެ ރިހުމަކަށް މުހުތާޒް ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައި މުހުތާޒް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން އުނަގަނޑުގެ ރިހުން ބޮޑުވެ އެތައް ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައި ވެއެވެ.
ޓެރަރިޒަމުގެ ކުށުގައި ޖަލު ހުކުމް އިއްވި ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މުހުތާޒް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ.
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި މުހުތާޒް ބަންދުކުރަން ނިންމާފައި އޮތް ނަމަވެސް، އޭނާ ބަންދުކޮށްފައި ބާއްވަނީ "ޑެތް ރޯ" ގެ ނަމުން މަޝްހޫރު ޔުނިޓުގަ އެވެ. އެ ޔުނިޓަކީ މަރުގެ ހުކުމް ތަންފީޒް ކުރަމުންދާ ބޮޑެތި ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ޔުނިޓެވެ. އެތަނުގައި ބަންދު ކޮށްފައިވާ ގައިދީންގެ ތެރޭގައި މުހުތާޒް ދައުވާ އުފުލި މީހުންނާއި، ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުހުތާޒް ހުންނެވިއިރު ހުކުމް އިއްވި މީހުން ހިމެނެ އެވެ.