ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 21:13
އިސްރައީލްގެ ހަމަލާގައި މަރުވި، އެހީދޭ ބައެއް މީހުންގެ ޕާސްޕޯޓް
އިސްރައީލްގެ ހަމަލާގައި މަރުވި، އެހީދޭ ބައެއް މީހުންގެ ޕާސްޕޯޓް
ރޮއިޓާސް
އިސްރާއީލުގެ ހަމަލާ ރާއްޖެއިން ކުށްވެރިކުރުން
ޣައްޒާގައި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވި މީހުންނަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
 
މި ހަމަލާގައި 7 މީހެއްގެ ފުރާނަ ގެއްލިފައިވޭ

ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ވޯރލްޑް ސެންޓްރަލް ކިޗަން ކޮންވޯއީއަށް ދާދިފަހުން އިސްރާއީލުން ދިން ވައިގެ ހަމަލާގެ ސަބަބުން އެކި ޤައުމުތަކުގެ 7 މީހަކު މަރުވި ހާދިސާ ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ އެންޖީއޯގެ ތެރޭގައި ހިމެނޭ ވޯލްޑް ސެންޓްރަލް ކިޗަން އިން ބުނީ ހޯމަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި އޮސްޓްރޭލިއާ، އިނގިރޭސި، ފަލަސްތީން، ޕޮލެންޑް އަދި އެމެރިކާ-ކެނެޑާގެ މުވައްޒަފުން މަރުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހީވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ އަމާޒުކުރުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ވަރަށް ބޮޑަށް ޚިލާފުވުމެއް ކަމަށާއި އެކަން ކުރާ މީހުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އަދި ކޮންފްލިކްޓް ޒޯންތަކުގައި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތެރިންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ޣައްޒާއަށް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ އެކަމުގެ ފިޔަވަޅު އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އަދި ދަނޑިވަޅުގައި ވޯލްޑް ސެންޓްރަލް ކިޗަންއަށާއި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ތައުޒިޔާ އާއި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެފައިވެއެވެ.

ވޯރލްޑް ސެންޓްރަލް ކިޗަން ގެ ތިން އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުން ވައިގެ މަގުން ހަމަލާދީފައިވާއިރު އިސްރާއީލުން މިހަމަލާ ދީފައިވަނީ އެމީހުން ދަތުރުކުރާ މަގުތައްވެސް އިސްރާއީލާ ހިއްސާކޮށްފައި ވަނިކޮށެވެ. މިހަމަލާ އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ފާޑުކިޔުންތައް އިސްރާއީލަށް އަމާޒުވެފައިވާއިރު އަވަސް ތަހުގީގެއް ހިންގުމަށް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް