ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:34
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ
ޓްވީޓަރ
ޕީއެންސީ ޑޯޓުޑޯ
ދައުލަތުގެ ޚަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ޕީއެންސީ ކެމްޕޭނުގައި ބަހަމުންދާ މައްސަލައިގައި އޭސީސީ ހަނު
ބުދަ ދުވަހު ރާއްޖެއެމްވީން ގުޅުމުން އޭސީސީން ފޯނަށް ޖަވާބު ދީފައެއް ނުވޭ
އަންގާރަ ދުވަހު އޭސީސީއަށް ގުޅުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަމާމެދު ޖަވާބެއް ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް

ދައުލަތުގެ ހަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ޕީއެންސީގެ ކެމްޕޭނު ޑޯޓުޑޯގައި ބަހަމުންދާއިރު، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަހެއް ނުލިބެއެވެ.

ރައީސް ޑޯޓުޑޯގައި ބައްސަވަމުން ގެންދަވާ ހަދިޔާ ޕާރުސަލްކުރަނީ ރައީސް އޮފީހުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، މިކަން ރައީސް އޮފީހުން ވެސް ދޮގުކޮށްފައި ނުވެއެވެ.

އަދި ރައީސް އޮފީހުން ވަނީ މިކަން ދިފާއުކޮށް ވާހަކަ ދައްކާފައެވެ.

ރައީސް އޮފީހުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، ކެމްޕެއިނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ހުންނަވާނީ އެމަނިކުފާނުގެ ރައީސްކަމުގެ މަގާމުގައި ކަމަށާއި، އެއީ 24 ގަޑިއިރު އަދާކުރައްވާ ވަޒީފާއެއްކަމަށެވެ.

ރައީސް އޮފީހުން އެކަން ދިފާއުކޮށް ވާހަކަ ދައްކާފައިވަނީ ދައުލަތުން ދޭ ހަދިޔާ ބަންދުކުރާ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ ރައީސް ޑޯޓުޑޯގައި ބައްސަވަމުންދާތީ ނޫސްތަކުން ސުވާލުކުރުމުންނެވެ.

އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ ރައިސް ޑޯޓުޑޯގައި ބައްސަވަމުން ގެންދަވާ ހަދިޔާ ބަންދު ކުރަނީ ރައީސް އޮފީހުން ކަމަށާއި، ޕާރުސަލް ކުރަނީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.

އަދި ޕާރުސަލް އޮންނަނީވެސް ދައުލަތުން ދޭ އެއްޗެއްގެ ގޮތުގައިކަމަށްވާއިރު، ޕީއެންސީގެ ޑޯޓުޑޯ ހަރަކާތެއްގައި އެ ހަދިޔާތައް ދެއްވަމުންދާތީ އެކި ފަރާތްތަކުން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން އަންގާރަ ދުވަހު އޭސީސީއަށް ގުޅުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަމާމެދު ޖަވާބެއް ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ފަހުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ބުދަ ދުވަހު ރާއްޖެއެމްވީން ގުޅާލުމުން އޭސީސީން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އޭސީސީގެ ރައީސް އާދަމް ޝާމިލްގެ ބަހެއް ހޯދާލަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައެއް ނުވެއެވެ.

ކެމްޕޭނުގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ މުގާބިލުގައި ފައިސާ ބެހުމަކީވެސް ކުށަކަށްވާއިރު، ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެކަމަށް، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވެއެވެ.

އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް