އަނަސްގެ މަރަށް އިންސާފު ހޯދުމަށް އެދި ގޮވާލައި އޭނާގެ އުފަން ރަށުގައި ހިނގާލުމެއް ބާވައިފި އެވެ.
ރ.މީދޫގައި ކުރިއަށްދިޔަ ހިނގާލުމުގައި އެރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ހިނގާލުން އިންތިޒާމް ކުރި ފަރާތުން މައުލޫމާތު ދިނެވެ.
މި ހިނގާލުމުގައި ތަފާތު އެކި ޝުއޫރުތައް ހިމެނޭ ބެނާތައް ވަނީ ބޭނުންކޮށްފަ އެވެ. މި ހިނގާލުމުގައި އަނަސްގެ ގާތް އެކުވެރިންނާއި އަނަސް އާއި އެކު މަސައްކަތް ކުރި ފަރާތްތަކާއި އާއިލާއިން ވަނީ ތަފާތު ޝުއޫރުތައް ފާޅުކޮށް އަނަސްއަށް އިންސާފު ހޯދާދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލާފަ އެެވެ.
އަނަސް އަކީ ރަގަޅު ޒުވާނެއް ކަމަށާއި އޭނާއަކީ ސަކަ މިޒާޖެއްގެ މީހެއްގެ ގޮތުގައި އޭނާގެ ބައެއް ރައްޓެހިން ވަނީ މި ހިނގާލުމުގައި ފާހަގަކޮށްފަ އެވެ. އަދި އަނަސްއަކީ އަބަދުވެސް ހިނިތުންވުމެއްގައި ހުންނަ މީހެއްކަން ވެސް އެފަރާތްތަކުން ފާހަގަކުރި އެވެ.
އަނަސް އަކީ އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ކުއްޖެއްކަން ފާހަގަކޮށް، އެއާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދޭކަމަށް ހިނގާލުމުގެ ބައިވެރިވިން ފާހަގަ ކުރިއެވެ.
އަނަސް މަރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެނާގެ މަރަށް ފުރިހަމަ އިންސާފު ހޯދާ ދިނުމަކީ މީދޫގެ ރައްޔިތުން އެދޭ ކަމެއްގެ ގޮތުގައި ހިނގާލުމުގައި ވާހަަކަދެއްކި އޭނާގެ އެކުވެރިއަކު ފާހަގަކުރި އެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިބޭ މީހުންނާއި ނޫސްވެރިން ނޫނަސް އެއްވެސް ހައްގެއްނެތި މަރާލާ މީހުންނަށް އިންސާފު ހޯދިނުމަށް އެންމެންވެސް އެކުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ބުނެ ހިނގާލުމުގެ ބައިވެރިން ވަނީ އަޑު އުފުލާފަ އެވެ.
މި ހިނގާލުމުގައި އަމާން މުޖުތަމައުކަށް އެދި ހާއްސަ ދުއާއެއް ވެސް ވަނީ ކޮށްފަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ހިނގާލުމުގައި އަނަސްގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ޕެޓިޝަނެއްގައި ވަނީ ގިނަ ބަޔަކު ސޮއިކޮށްފަ އެވެ. މި ޕެޓިޝަން ރައީސް އޮފީހާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
އަނަސްގެ މަރަށް އިންސާފު ހޯދުމަށް އެދި ގޮވާލާ މީދޫގައި ކުރިއަށްދިޔަ ހަރަކާތަކީ މީދޫގެ ޒުވާނުންނާއި އަނަސްގެ އާއިލާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހިނގާލުމެކެވެ.
އަނަސްގެ މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަަށެވެ.
އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުރޭ ގާތްގަނޑަށް 09:10 ހާއިރު ލިޓަސް ސަރވިސް ސެންޓަރު ތެރޭގައެވެ.
މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާއަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ މޫނު ނިވާކޮށްގެން ތިބި ބައެކެެވެ. އަނަސް މަރާލާފައިވަނީ އޭނާ ގެއިން ނުކުތްތާ ބައި ގަޑިއިރުވެސް ނުވަނީސް އެވެ. އަނަސް ވަޒީފާ އަދާކުރަމުން އައީ ލޯންޗެއްގެ ކެޕްޓަންކަމުގެ މަޤާމުގައެވެ.