ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 11:34
މެންޗެސްޓާ ސިޓީ އާއި އާސެނަލް މެޗުގެ ޕޯސްޓަރު
މެންޗެސްޓާ ސިޓީ އާއި އާސެނަލް މެޗުގެ ޕޯސްޓަރު
ގޫގުލް
މެންޗެސްޓާ ސިޓީ - އާސެނަލް
ސިޓީ އަރައި އޮތީ އެހެން ޓީމުތަކަށް ވުރެ އުހުގައި: އާޓެޓާ
 
ތަށި ދިފާއު ކުރަން އާސެނަލް ބަލިކުރަން ސިޓީ އަށް މިރޭ ވަނީ މަޖުބޫރުވެފައި

މެންޗެސްޓާ ސިޓީ މިވަގުތު އޮތީ ފުޓްބޯޅައިގެ ތާރީހުގައި އެހެން ޓީމުތަކުން އެމީހުން އަތުލަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭހާ ކުރީގައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މި ދެ ޓީމު ކުޅެން ޖެހޭ މުހިންމު މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި މެޗަށް ދެ ޓީމު ނުކުންނައިރު ޓޭބަލުގެ އެއްވަނާގައިވަނީ 64 ޕޮއިންޓާއެކު އާސެނަލް އެވެ. ސިޓީ އޮތީ 63 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ދެ ވަނާގައިވަނީ މިރޭ ބްރައިޓަންއާ ދެކޮޅަށް ނުކުންނައި ލިވަޕޫލެވެ. އެއީ އާސެނަލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ. މިހެންވެ މިއީ ފަހު 10 މެޗާ ކުރިމަތިލާއިރު ފާއިތުވެދިޔަ 10 އަހަރުތެރޭގައި ތިން ޓީމެއް ޕޮއިންޓެއްގެ ތަފާތުން ޓޭބަލުގެ ކުރީގައި ތަރުތީބުވެފައި އޮތް ފުރަތަމަ ފަހަރެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ ސިޓީ އަކީ ކުރިައަރައި ދިޔައީ ނުހަނު އަވަހަށް ކަމަށާއި އެ ލެވެލަށް ދިއުމަށް އާސެނަލް އަންނަނީ މަޑުމަޑުން ކައިރި ކުރަމުން ކަމަށެވެ.

އެމީހުން އެތިބީ ފުޓްބޯޅައިގައި އެހެން ބަޔަކަށް ނުދެވޭހާ މަތީގައި. އެމީހުން ބަލިކުރުމަކީ ފަސޭހަ ކަމެއްނޫން. މިހާރު އެއީ ހުރިހާ ޓީމަކުން މިސާލެއްގެ ގޮތުގައި ބަލަންޖެހޭ ޓީމެއް. މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެއް. އަހަރުމެން މޮޅުވެއްޖެނަމަ އެކަން ވާނީ ވަރަށް ބޮޑު ކުރިއެރުމަކަށް. އެކަމަކު އަދި ސީޒަނުގައި ބާކީ ގިނަ މެޗުތަކެއް އެބަހުރި
އާޓެޓާ

ސިޓީ ވަނީ ހާއްސަކޮށް ގާޑިއޯލާ އައި ފަހުން ޕްރެމިއާ ލީގުގެ ތަށި ވިދިވިދިގެން ހޯދައިފަ އެވެ. މި އަހަރަކީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ތަށި ހޯދަން އެ ޓީމު މަސައްކަތް ކުރާ ފަހަރެވެ. މިއީ މީގެ ކުރިން އެހެން ޓީމަކަށް ކުރެވިފައިވާ ކަމެއްނޫނެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު މި ދެ ޓީމުގެ އެންމެ ފަހުގެ 13 މެޗުގެ ތެރެއިން 12 މެޗު ސިޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ މި ސީޒަނުގައި އާސެނަލްގެ ދަނޑުގައި ކުޅެގެން އެކަންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޕްރެމިއާ ލީގު ކާމިޔާބު ކުރާ ޓީމަކުން ސީޒަނުގެ ބާކީ ހުރިހާ މެޗެއް ކާމިޔާބުކުރަންޖެހޭނެ ކަމަށެވެ.

އަހަރެންނަކަށް ހިޔެއް ނުވޭ އާސެނަލް އާއި ލިވަޕޫލް ގިނަ ޕޮއިންޓްތަކެއް ގެއްލުވާލަފާނެހެން. ހާއްސަކޮށް ތަޖުރިބާކާރު ލިވަޕޫލަކީ މި ފަދަ ހާލަތްތަކަށް ފަރިތަ ޓީމެއް. އާސެނަލް ވަނީ ގިނަ މެޗުތަކަކުން ބަލިނުވެ ކުރިއަށް ގޮސްފައި. އެއީ ވެސް ގިނަ މެޗުތަކެއްގައި އެތައް ބައިވަރު ގޯލް ޖަހައިގެން. އެހެންވީމާ މިރޭގެ މެޗަކީ ފައިނަލެއް
ގާޑިއޯލާ

ގިނަ ބަޔަކު މިރޭގެ މެޗު ސިފަކުރަނީ މުދައްރިސަކާއި ދަރިވަރެއްގެ ކުރިމަތިލުމެއް ކަމަށެވެ. ސަބަބަކީ އާޓެޓާ އަކީ ގާޑިއޯލާގެ އެސިސްޓެންޓަކަށް ސިޓީގައި ތިން އަަހަރު މަސައްކަތް ކޮށްފައި މިދިޔަ ސީޒަނުގައި އާސެނަލްއާ ހަވާޅލުވި ކޯޗަކަށްވާތީ އެވެ. ގާޑިއޯލާ ބުނީ އާޓެޓާގެ މަސައްކަތާމެދު އޭނާ އުފާކުރާ ކަމަށާއި އާޓެޓާ އަކީ މޮޅު ކޯޗެއް ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީގެ ކޭލް ވޯކާ އާއި ޖޯން ސްޓޯންސް އަށް ނުކުޅެވޭނެ އެވެ. މި ދެ ކުޅުންތެރިންނަށް އަނިޔާވީ ހުސްވި ހަފުތާގައި ގައުމީ ޓީމަށް ކުޅެނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް