އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކުރީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއެކު، އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތައް ހޯދައިދިނުމަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިސްރާބު ހަމަ މަގަށް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތި އުދަނގޫ ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ.
ހުޅުމާލެ ހިއްކައި ތަަރައްގީ ކުރަން ފެށީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ އެމައްސަލަ ހައްލުކޮށްދިނުމަށްކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އެސިޔާސަތުތައް ރަނގަޅަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން މާލެއަށް މިއަދު ދިމާވެފައިވަނީ ކުރިއަށްވުރެ ދަތިއުދަނގޫ ހާލަތެއް ކަމަށެވެ. އަދި ތަރައްގީ ކުރިއަށް ގެންދިޔަ ގޮތުގެ ސަބަބުން އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މާލެއަށް އައުމަށް މަޖުބޫރުވެފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މާލެއަށް މީހުން އައިސް މިތިބީ ކޮންމެ އަންނަން ބޭނުންވެގެން ނޫން. އެހެންގޮތެއް ނެތީމަ އަންނަން މަޖުބޫރުވަނީ. އަޅުގަނޑުމެން މާލެއަށް ހައްލު ގެނައުމަށްޓަކައި ކުރަން ފެށި މަސައްކަތްތަކަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއެކީގައި ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް އެތަނުގައި ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. އެނޫން ގޮތަކަށް މި މާލެއަށް އަދިވެސް ދާއިމީ ހައްލެއް ނާންނާނެ.ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ނުދީ ހިފަހައްޓާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޭނުންފުޅާ ލިސްޓަށް ފްލެޓުތައް ބަހާލާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ނުކުމެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ އެމްޑީޕީން ތިބޭނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ހޯދަން ކަަމަށެވެ.