ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މެމްބަރުން ތަކެއްގެ މައްޗަށް ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގުތަކާއި ގުޅިގެން ހޮނިހިރު ދުވަހު ވެސް ތިން މެމްބަރެއް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.
އެގޮތުން ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވަނީ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.
ފުލުހުން އޮފީހަށް ވަޑައިގަތުމަށް އިބްރާހީމްދީދީއަށް އަންގާފައި ވަނީ ހޮނިހިރު ދުވަހުގެ 14:00 އަށެވެ. ހުސައިން އަރީފް ހާޒިރު ވުމަށް އަންގާފައި ވަނީ ހަވީރު 16:00 އަށެވެ. އަދި މުހައްމަދު އަބްދުލްކަރީމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 20:30 އަށެވެ.
އެ ތިން މެމްބަރުންވެސް މީގެ ކުރިން ވަނީ ފުލުސް އޮފީހަށް ހާޒިރު ކުރައްވާފަ އެވެ. އެގޮތުން މިމަހުގެ ދެ ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމުން، ގާނޫނީ ވަކީލަކާއެކު ވަޑައިގަތުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވުމުން ފުލުހުން ވަނީ ގާނޫނީ ވަކީލަކާއެކު ވަޑައިގަތުމަށް އަންގާފަ އެވެ.
އިދިކޮޅު މެމްބަރުން ޕޮލިހަށް ހާޒިރުކުރަން ފަށާފައި ވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިއުމަށް ފަހު އެވެ.
ބުދަ ދުވަހު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން އެ ތިން މެމްބަރުންވެސް ވިދާޅުވެފައި ވަނީ، ސަރުކާރުން ގަދަ ބާރުން، ވެރިކަމުގައި ތިބުމަށް ކުރަމުންދާ މަސައްކަތްތަކަކީ ގާނޫނާ ހިލާފުކަމެއްކަމަށާއި ގާނޫނާ ހިލާފު ކަންކަން ކުރުމުން ދުރުވުމަށް ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.
'ގާނޫނު އަސާސީއަކީ ވަރަށް މޮޅަށް ހެދިފައިވާ އެއްޗެއް ކަމަށް ވިދާޅުވި ބޭފުޅާ އެއީ އާޒިމާ ޝަކޫރު. އެބޭފުޅާގެ އެޓަރނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިރު އަޅުގަނޑު ހަނދާންވަނީ، ނޫސްތަކުން ފެންނާނެ، އެ ބަޔާން. އެއަށް ވުރެ މޮޅު ގާނޫނު އަސާސީއެއް ނެތިގެން އޭރު އެ ބޭފުޅާ ވާހަކަފުޅު ދެއްކެވީ. އެއަށް ތައުރީފު ކުރެއްވީ. އެ ބޭފުޅާ މިއަދު ވިދާޅުވީ އޭގައި އެއޮތީ ބޯލްޓް އެޅިފައޭ،" ޖެނެރަލް ދީދީ ވިދާޅުވިއެވެ.
ބުދަ ދުވަހު ލީކްވި ޑީފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އޯޑިއޯއާ ބެހޭ ގޮތުން ޖެނެރަލް ދީދީ ވިދާޅުވީ އެ އޯޑިއޯ އިން އެނގިގެން ދަނީ ސިފައިންގެ ބޭނުން ސަރުކާރުން ނާޖާއިޒް ގޮތުގައި ހިފާ ކަމެކެވެ.
"ދިފާއީ ބާރަކީ އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލިހާއި ނުވަތަ ސުޕްރީމް ކޯޓާއި ހަނގުރާމަކުރަން ހުންނަ ތަނެއް ނޫން. އެއީ ދިފާއު ކުރަން ތިބޭ ބައެއް،" ދީދީ ވިދާޅުވިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އޮޑި ފައްތާލުމަށް އެ ބޭފުޅުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ޚުދު ރައީސް ޔާމީންވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވަނީ ފުލުުހުންނާއި ސިފައިންނަށް މެސެޖެއް ދެއްވާފައެވެ.
"މާދަމާ އާދަނުވެސް ދާނެ، އަޒްލީންވެސް ދާނެ، ޔާމީނުވެސް ދާނެ. ތި މުއައްސަސާ ހުންނާނެ. ތިޔަ ކުދިން ތިތާ ތިބޭނެ. ތިޔަ ކުދިން އަބުރުވެރިކަމާ، ޝަރަފުވެރިކަމާއެކު ތި މުއައްސަސާ އަޅުގަނޑުމެންނަށް ހަވާލުކޮށްދެއްވާށޭ،" އަރީފު ވިދާޅުވިއެެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދަނީ މިދިއަ ޖުލައި މަހު 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަ ނުޖެހުންތަކާއި ގުޅިގެންނެވެ.
މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނާ ބައްދަލުކުރައްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވާ ކަމަށްބުނާ އޯޑިއޯއެއްގައި ވިދާޅުވެފައި ވަނީ މެމްބަރުންގެ އެ އަމަލު "ކޮޅެއްގައި" ޖައްސަވާނެ ކަމަށެވެ.