ޕޮލިސް އޮފިސަރަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި މޫދު އަޑިން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ފުލުސް މީހާއަށް ހަމަލާދިން ވަޅި ހޯދާފައި ވަނީ ފުލުުހުންނާއި ކަރެކްޝަންސްގެ އެހީތެރިކަމާ އެކު ކަމަށެވެ.
ޒަހަމްވެފައި ވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާން އެވެ.
އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ލޯންޗެއްގައި މާފުއްޓަށް ދިޔަ މީހަކު މޫދަށް ފުންމާލައިގެން ރަށަށް އަރަން މަސައްކަތްކުރަނިކޮށް އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް އެހެން ފުލުހުންނާ އެކު މަސައްކަތްކުރަމުން ދަނިކޮށެވެ.
މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މާފުއްޓަށް ދާ ލޯންޗަކުން އެއްޗެހިތަކެއް މާފުށީ ޖަލަށް އެތެރެކުރުމަށް އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ފުލުުހުން ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެކެވެ.
މިހާދިސާގައި އަލީ ރައްްޒާނުގެ ވައަތު ކޮނޑާއި މެއާ ދޭތެރެއަށް ހަމަލާ ދީފައިވާ އިރު އޭނާއަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެެވެ.
އައިޖީއެމްއެޗުން ބުނީ، މިހާދިސާގައި އަނިޔާވި ފުލުސް މީހާގެ ސަރޖެރީއެއް ހެދުމަށް ފަހު އޭނާއަށް މިހާރު ފަރުވާދެމުންދަނީ ވޯޑްގައި ކަމަށެވެ. އޭނާގެ ހާލު ރަގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާ އާއި މާލެއިން މާފުއްޓަށް ދިޔަ ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން މާފުއްޓަށް އައި ލޯންޗާއި މާފުށީ ޖަލަށް އެތެރެކުރުމަށް ގެނައި ތަކެތި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 51 އަހަރުގެ ފިރިހެނާކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުުރުން 18 އަހަރުގެ ދެ ފިރިހެނެކެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުުހުންގެ ހާއްސަ ޓީމެއް ދަނީ މާރުށީގައި ހަރަކާތްތެރިވަމުންނެވެ.