ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 13:24
ރެއާލް މެޑްރިޑުގެ ފޯވަޑް
ރެއާލް މެޑްރިޑުގެ ފޯވަޑް
ގޫގުލް
ލިވަޕޫލް
އެމްބާޕޭގެ "ވިކްޓިމް" ހޯދުމަށް ލިވަޕޫލްގެ އަގުބޮޑުކޮށްފި
ލިވަޕޫލުން ވަނީ ރޮޑްރީގޯ ގަތުމަށް 80 މިލިއަން ޑޮލަރު ހުށަހަޅާފައި

މި ސީޒަނަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑަށް ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ބަދަލުވާނެކަން ގާތްގަނޑަކަށް ޔަގީނެވެ. ރެއާލްގައި މޮޅު ފޯވަޑް ލައިނެއް އޮއްވައި، ދުނިޔޭގެ އެންމެ މޮޅު ފޯވަޑު އެތަނަށް ދިއުމުން ބާކީވާނެ ކުޅުންތެރިން ތިބޭނެ އެވެ. މި ގޮތުން އެންމެ ގިނަ ބަޔަކު އިއްތިފާގުވަނީ ޓީމުން ޖާގަ ގެއްލޭނީ ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯ އަށް ކަމަށެވެ.

ދުރާލައި އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނީ އިނގިރޭސިވިލާތުގެ ލިވަޕޫލުންނެވެ. އެ ކުލަބުން ވަނީ ރެއާލް މެޑްރިޑަށް 60 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ދީފަ އެވެ. އެކަމަކު ހުށަހެޅުން ރެއާލްއިން ގަބޫލެއް ނުކުރެ އެވެ. ބަހަނާއަކަށް ދައްކަނީ 60 މިލިއަނަށްވުރެ އަގުބޮޑުވާންޖެހޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލުން މިހާރު ވަނީ މި އަގު 80 މިލިއަނަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ރެއާލްއަށް ދީފަ އެވެ.

ނަމަވެސް ރެއާލުން ގޮތެއް ނުނިންމަ އެވެ. ސަބަބަކީ އެމްބާޕޭ މީގެ ކުރީ ދެ ފަހަރަކު ވެސް އަންނަން އެއްބަސްވުމަށްފަހު ފަހު ވަގުތު މޫނު އަނބުރާލާފައިވާތީ އެވެ. އޭނާގެ ސޮއި ޔަގީންވުމުގެ ކުރިން ޓީމުގެ މުހިންމު ކުޅުންތެރިއަކު ދޫކޮށްލަން ބޭނުންނުވަނީ އެވެ.

ލިވަޕޫލުން 23 އަހަރުގެ ރޮޑްރީގޯ އަށް ހޯދަން އުޅެނީ އެ ޓީމުގެ އެންމެ މުހިންމު ފޯވަޑް މުހައްމަދު ސަލާހް ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭތީ އެވެ. އޭނާ އަށް ސައޫދީ ލީގުގެ ކުލަބުތަކުން ކިޔަނީ ލިވަޕޫލުން އޭނާ ވިއްކާލަން މަޖުބޫރުވާފަދަ އަގެކެވެ. އަދި 31 އަހަރުގެ ސަލާހްގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވުމާއި އޭނާގެ އުމުރު މަތިވަމުން ދިއުމަކީ ވެސް ލިވަޕޫލުން މޮޅު ފޯވަޑަކު ހޯދަން މަސައްކަތް ކުރާ ސަބަބެކެވެ. އެކުލަބުން ގަބޫލު ކުރާ ގޮތުގައި ރޮޑްރީގޯ އަކީ ސަލާހްގެ ބަދަލަށް ލިވަޕޫލަށް އެންމެ ފިޓްވާނެ ކުޅުންތެރިޔާ އެވެ.

ރޮޑްރީގޯ ވަނީ ރެއާލް އަށް މިހާތަނަށް ކުޅުނު 137 މެޗުގައި 24 ގޯލު ޖަހައިދީފަ އެވެ.

- ކޮމެންޓް