ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކުރި ފްލެޓުތަކާއި، ގޯތިތަކަށް މިސަރުކާރަށް ބޭނުން ގޮތެއް ނުހެދިގެން އުޅެނީ އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުން މަޖިލީހުގައި އޮތުމުން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ހެންވޭރު ތަރާވީހުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ އެންމެހައި ގޮތްގޮތަށް ގައުމުގެ ކަންކަން ކުރިއަަށް ނުގެންދެވެނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށާއި، އެމްޑީޕީގެ މެންބަރުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ރައްޔިތުންނަށް ދެރަނިކަމެތިކަން ލިބޭ ކަންކަން ވިޔަނުދީ ހިފަހައްޓަމުން ގެންދަނީ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ގޯތިތަކާއި ފްލެޓުތައް ދޫނުކޮށް އެއް ކޮމިޓީ އަނެއް ކޮމިޓީއަށް ގެންދަނީ އޭގައި ހެދޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް އެކި ބަހަނާ ދައްކައިގެން ފްލެޓްތައް އެކި ބަހަނާ ދައްކައިގެން އެއްފަހަރު ކޮމިޓީ އަނެއްފަހަރު ވަލީ ކޮމިޓީއަކަށް އަނެއް ފަހަރު ގޭތެރޭ ކޮމިޓީއަކަށް އެކި ޒާތްޒާތުގެ ކޮމިޓީތަކަށް ގެންދަވަނީ ކުރެވޭނެ ކަމެއްނެތީމައި. އެއީ އެމްޑީޕީއަށް މެޖޯރިޓީ އޮތީމައި. އެމްޑީޕީއަށް މެޖޯރިޓީ ނެތްނަމަ ކުޅިސަމާ ދައްކާލިސް. މިހާރު ގޯތިތަކާއި އެއްޗެހި އަތުލާފިސް. މިހާރު ފްލެޓްތައް ކެންސަލް ކޮށްލާފިސް. ނުދީ ބަހަނާ ދައްކާ ދައްކާ މިތިބެނީ ކުރެވޭނެ ކަމެއް ނެތީމަ.އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ރައްޔިތުންތައް ބޯހިޔާވަހިކަމަށް ވައްސަލާމް ކިޔަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ މިސްރާބު ހަމަމަގަށް އަޅުވައި، ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ ނަގަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަށް ހުރިހާ ރައްޔިތުން ވަރަށް ބުރަކޮށް، ފަހަތަށް ނުޖެހި މަސައްކަތް ކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.