މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ހާލަތަށް ބަލަންޖެހޭ ކަމަށް ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމް އަދީބު ވިދާޅުވީ މަސްތުވާތަކެއްޗާ ދުރުވެ، ފަރުވާ ބޭނުންވާ ގިނަ ބަޔަކު މިމުޖުތަމައުގައި އެބަތިބި ކަމަށާއި، ރަނގަޅުވާން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ. ނަމަވެސް ހާލަތު ރަނގަޅަށް ދެނެ އެކަށީގެންވާ ގޮތުގައި ފަރުވާ ދެވޭނެ ނިޒާމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދީބު ވިދާޅުވީ މަސައްކަތް ކުރަނީ އެހެނިހެން ބަލިތަކަށް ފަރުވާ ކުރާ އުސޫލުން ބޭސް އަޅައިގެން ނުވަތަ ޕެކް އަޅައިގެން ފަރުވާ ކުރުމަށް ކަމަށެވެ. ނަމަވެސް ޑްރަގް ފަރުވާ އެގޮތަށް ނުދެވޭނެ ކަމަށާއި، ރޭވުންތެރިކަމާއެކު ހާލަތު ދެނެގަނެ އެކަމަށް ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ ފަރުވާ ދިނުމުގައި ފެއިލްވެފައިވާއިރު، މަސްތުވާތަކެތި ވިއްކާ މީހުންނާއި، އުފައްދާ މީހުން އިތުރު ހަރުފަހަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ފަރުވާ ދިނުމުގައި ވެސް އިތުރަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ މިހާރު ފަރުވާ ފެށުމަށްފަހު ފަރުވާ ދޫކޮށްދާ މީހުންގެ ނިސްބަތް ވެސް އިތުރު ކަމަށެވެ.
އަޅުގަނޑުމެން ބޭނުންކުރާ ބޭސް މިދެނީ ވިތްޑްރޯ ބޭސް މިދެނީ އޯޕީއެޑްސްއަށް. އެކަމަކު ކުދިން ބޭނުންކޮށްގެން މިދެނީ އޯޕީއެޑްސްއާއި ސްޓިމިއުލެންޓްއާ، މެތާއި. އެހެންވީމަ އެކުއްޖާގެ ހަކުރަށް ބޭސް ދީ ނިމިގެން ކުއްޖާ އޯކޭވާ ހިސާބުން މެތް ސިކް މިވަނީ. ވީމަ އޭނާ ފަރުވާއިން ނުކުމެގެން މިއަންނަނީ. ދެން އަޅުގަނޑުމެން މިބުނަނީ އެނާ ހުންނަން ބޭނުންނުވަނީއޭ. އަޅުގަނޑުމެންނަށް އެބަ އެގޭ މިގޮތަކަށް.ގްލޯބަލް ޑްރަގް ރިމާންޑް ޑިޓަކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު
އަދީބު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން 2011 ވަނަ އެކުލަވާލި، ޕްރޮގްރެސިވް ޑްރަގް އެކްޓަށް އެއްވެސް ސަރުކާރަކުން އަމަލުނުކުރާ ކަމަށެވެ. މިއަށް އަމަލުކުރަން މުހިންމުކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ އެއީ ދުނިޔޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ގޮތް ދެނެގަތުމަށްފަހު އެކުލަވާލި އެކްޓެއް ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި އދގެ މުހާހަދާތަކުގައި ސޮއިކުރުމުން އެކަނި ނުނިމޭ ކަމަށާއި، އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް އަދީބު ވިދާޅުވިއެވެ.