Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 13:15
ބޮޑީގާޑުންގެ އެހީތެރިކަމާ އެކު ގާސިމް ޝަރީއަތަށް ހާޒިރުވެވަޑައިގަންނަވަނީ
ބޮޑީގާޑުންގެ އެހީތެރިކަމާ އެކު ގާސިމް ޝަރީއަތަށް ހާޒިރުވެވަޑައިގަންނަވަނީ
އަޒުމޫން އަހުމަދު
ގާސިމްގެ ބަލިހާލަތު
ރާއްޖެއިން ކުރެވެން ނެތް ހިތުގެ އޮޕަރޭޝަނެއް ގާސިމް ކުރައްވަންޖެހޭ، ފުރުމުގެ ހުއްދަ ދެއްވާ: ވަކީލުން
ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުގެ ލަފާ
އިދާރާއަކުން ހުށަހެޅުމެއް ނެތި އަމުރު ނެރުމުގެ ބާރެއް ކޯޓަށް ނުލިބޭ
ފުރާނައަށް ކުއްލި ނުރައްކަލެއް ދިމާވެދާނެ ހާލަތެއް

ރާއްޖެއިން ކުރެވެން ނެތް ހިތުގެ އޮަޕަރޭޝަނެއް ކުރުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި އަވަސް ފަރުވާއެއް ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ހޮނިހިރު ދުވަހު ނެރުއްވި ނޫސްވެރި ބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސަރުކާރުން ގާސިމް ބަންދުކޮށްފައި ހުރި ހާލަތުގެ ލާއިންސާނީކަމާއި، ނުތަނަވަސްކަމުން އޭނާގެ ބަލިހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު އެއާޕޯޓަށް ވަޑައިގެން ފަހުން ސަރުކާރުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 10 ވަރަކަށް ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ގާސިމަށް ފަރުވާ ދީފައިވެއެވެ.

ގާސިމްގެ ވަކީލުން ބުނީ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހެޅުމުން ވެސް ހުއްދަ ދީފައިނުވާ ކަމަށެވެ. 

ގާސިމްގެ ހާލުކޮޅު އިތުރަށް ގޯސްވަމާ ގުޅިގެން އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ގާސިމްގެ ހިތުގެ މައްސަލައަށް ފަރުވާ ދިނުމަށްޓަކައި "އީ. ޕީ. އޭ + އާރް. އެފް. ޕީ" ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އެ އަޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތީތީވެ، އޮޕަރޭޝަން ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ގާސިމްގެ ވަކީލުން ބުނީ ޕާސްޕޯޓް ހިފަހެއްޓުމަށް ނެރެފައިވާ އަމުރަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެއްވެސް މުއައްސަސާއެއްގެ ހުށަހެޅުމަކާ ނުލައި މައްސަލަ ބައްލަވާ ގާޒީގެ އަމިއްލަ އިސްނެންގެވުމެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން އެއްވެސް އިދާރާއެއްގެ ހުށަހެޅުމެއް ނެތި އަމުރު ނެރުމަކީ ކޯޓަށް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ އަމުރު މުރާޖައާ ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓަށް ލިބިގެންވާ ކަމަށް ބުނެ މައްސަލަ ބަލައިގަތުމަށް ވަނީ އިންކާރުކޮށްފަ އެވެ.

ގާސިމްގެ ވަކީލުން ބުނީ ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ޕާސްޕޯޓް ހިފަހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖާ ކޮށް ދެއްވުމަށް އެދެމުންދާ ކަމަށާއި އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އައިޖީއެމްއެޗްގެ މެޑިކަލް ރިޕޯޓްތަކާއި ޑޮކްޓަރު ދެއްވާފައިވާ ލިޔުން ކޯޓަށް ހުށަހެޅުމުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ގާސިމްގެ ހިތުގެ މައްސަލައަށް އަވަސް ފަރުވާއެއް ނުދެއްވިއްޖެނަމަ ކުއްލިއަކަށް ފުރާނައަށް ނުރައްކަލެއް ދިމާވެދާނެތީ އަވަސް ސިޓީއެއްގެ ގޮތުގައި ހުކުރު ދުވަހު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަމުގައި ގޮތެއް ކަނޑައަޅާފައިނުވާތީ ކަންބޮޑުވާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ގާސިމްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ އާންމު އާދައިގެ މައްސަލައެއްކަމަށް މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެސް، އެހެން މައްސަލަތަކާ ޚިލާފަށް، މި މައްސަލައިގައި އޮނަރަބަލް ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ނުދެއްވައި، އެމަނިކުފާނާ މެދު ތަފާތުކޮށް ކަން ކުރައްވަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ކުށެއް ސާބިތުނުވާ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބަލަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާކަމާއި، އަދި ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި، ހަމަ ކޮންމެ މީހަކަށް ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ގާސިމްގެ ވަކީލުން ބުނެފައިވަނީ އެއީ ގާސިމަށް ވެސް ލިބިގެންވާ ހައްގުތަކެއް ކަމަށެވެ. ހައްގުތަކަށް އުނިކަން އަންނާނެ އެއްވެސް އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާ ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވެސް ވަކީލުން ފާހަގަކޮށްފައި ވެއެވެ.

ވަކީލުން ބުނެފައިވަނީ، ސަރުކާރުގެ ހޮސްޕިޓާ ހިމެނޭ ގޮތަށް މާލޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ ހޮސްޕިޓާތަކުން ގާސިމްގެ ސިއްހީ ހާަތުގެ ނާޒުކުކަމާއި، ކުރަންޖެހޭ ފަރުވާ ސާފުކޮށް ބަޔާންކޮށްދީފައިވަނިކޮށް، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމަށް ނެތި ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮންނަ އޮތުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ގާނޫނާ ޚިލާފް އަމަލެއް ކަމަށާއި ގާނޫނާ ޚިލާފަށް އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށެވެ. މި މައްސަލަ ބަލައި ދިނުމަަށް ޕްރޮސެކިއުޓަރ ޖެނެރަލަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ވަކީލުން ވަނީ ގޮވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 އޯގަސްޓް 2017 | ހޮނިހިރު 15:02
ހމޒ
މިއީ މޮޔައިންތަކެއްތަ؟