ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ މެންބަރުން، އަމިއްލަ އަށް ޕާޓީން ވަކިވާ ހާލަތުގައި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހެޅި އެންޓި-ޑިފެކްޝަން ބިލު ބަލައިގަތުމަށް، މަޖިލީހުން ފާސްކޮށްފިއެވެ.
ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލްގައި ވާގޮތުން އަމިއްލަ އަށް ޕާޓީން ވަކިވާ ހާލަތުގައި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހެޅި އެންޓި-ޑިފެކްޝަން ބިލު ހުށަހެޅުމުގެ މަގްސަދަކީ މަޖިލިސް މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެމްޑީޕީން ބުނެއެވެ.
ދެވަނަ ކަމަކަށް، މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކުރަން ނިންމާ ހާލަތުގައި އިލެކްޝަން ކޮމިޝަން (އީސީ)އިން އޭނާ ނިސްބަތްވާ ދާއިރާއެއްގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގަން ހިމަނާފައިވެއެވެ.
މީގެއިތުރުން މި ބިލުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރިކޯލް ވޯޓެއް ނެގޭ ގޮތަށް ވަނީ ހިމަނާފައެވެ.
އަދި ރިކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށްވެސް ބިލްގައި ވަނީ ހިމަނާފައެވެ.
މި ބިލުބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެއީ 41 މެންބަރުންނެވެ.
އަދި މި ބިލު ދިރާސާކުރުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފުނަދޫ ދާއިރާގެ މެންބަރު އަލީ ޝާހިދު ހުށަހަޅުއްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ތާއިދުކުރި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ކޮމިޓީއަށް ފޮނުވަން ދެކޮޅު ހެއްދެވީ 6 މެންބަރުންނެވެ.
ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ހޮވާފައިވާ މެންބަރުން:
- ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
- މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
- ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
މި ނަންތައް ހުށަހެޅީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި އެ ހުށަހެޅުމަށް ތާއިދުކުރީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ހުށަހެޅި ނަންތައް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ 21 މެންބަރުންނެވެ. އަދި މިއާއެކު އެންޓި-ޑިފެކްޝަން ބިލު ވަނީ 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުވާފައެވެ.