Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 11:18
ޖުމްހޫރީީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޓްވިޓަރ
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް: ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން މާދަމާ!
ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ
ކުރިން ކުރި ދައުވާ ބާތިލްކުރުމުން އަލުން ކޮށްފައިވާ ދައުވާ
މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރުގެ ޖަލު ހުކުމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ދައުވާ އިން ދިފާއުވުމަށް ހުށަހަޅާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދިފާއުގައި ގާސިމްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން ވެސް ބާއްވަން ނިންމާފައި ވަނީ ސިއްރު ކޮށްގެންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ ގާސިމްގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް  ބަޔަކު އިންޒާރުދީ ބިރުދައްކަމުންދާތީ ކަމަށެވެ. 

ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލިއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއްވާހަކަތަކެއް ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ގުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ގާސިމްގެ ވަކީލުން ވަނީ ބާތިލް ކޮށްފައިވާ މައްސަލައެއްގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާތަކެއް ނަންގަވާފަ އެވެ. އަދި ކުރިން ކުރި ދައުވާގެ ޝަރީއަތް ބާތިލް ކުރި ހިސާބުން، ފަހުން އުފުލި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައި ވާތީ އެފަދައިން އަމަލުނުކުރެވޭނެ ކަމަށް ވިދާޅުވެ  އިޖުރާއީ ނުކުތާތަކެއް ވެސް ނެންގެވި އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރާ އިޖުރާއީ ނުކުތާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޖަވާބުދާރީ ނުވާ މައްސަލަ ފާހަގަކޮށްފައިވާނެ ކަމަށެވެ. ހިސާން ވިދާޅުވީ ދައުވާކުރަނީ ޕީޖީއިން ކަމަށާއި އަދި ދައުވާ ސާބިތުކުރުމަކީ ޕީޖީގެ ކަމަކަށްވާއިރު ދިފާއުގައި ދައްކާ ވާހަކަތަކަށް ގާނޫނީ ގޮތުން އެއްވެސް ރައްދެއް ޕީޖީގެ ވަކީލުން ނުދޭ ކަމަށެވެ. ހިސާން ވިދާޅުވީ ޕީޖީން ރައްދު ދިނުމުގެ ބަދަލުގައި ފެންނަނީ ގާޒީ ގޮތް ކަނޑައަޅުއްވާ ތަން ކަމަށާއި އެހެންވެ އެކަމަށް އިއުތިރާޒް ކޮށްފައިވާނެ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ 'ށ؛ ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތަމްސީލު ކުރައްވާ މާމގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް