Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 10:27
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
މުހައްމަދު ފަޒީން
ފެނަކަ ކޯޕަރޭޝަން
އައްޑޫއިން ހދ. އަށް ބަދަލުކުރި ފެނަކަ މުވައްޒަފު: ރައީސް ޔާމީން ޒިމްބާބުވޭގެ ރައީސް ކަމަށް ބަދަލުކޮށްދީ!
ފެނަކައިގެ މުވައްޒަފުން ދުރު އަތޮޅުތަކަށް ދަނީ ބަދަލުކުރަމުން
މެންބަރު އިބްރާހިމް ދީދީ ހދ. އަތޮޅުގެ ދާއިރާއަކަށް ބަދަލުކޮށްދިނުމަށް ވެސް އެދިފައިވޭ
ކުރިނބީއަށް ފުރާ އުޅަނދަކާ ދިމަލެއް ނުވި

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ފޭދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ހދ. ކުރިނބީ ބްރާންޗަށް ބަދަލުކުރުމުން "ވަރުގަދަ" ޝަރުތުތަކެއް ކޮށްފި އެވެ.

އައްޑޫ ސިޓީ ފޭދޫ ފެނަކަ ބްރާންޗުން ހދ. ކުރިނބީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފައި ވަނީ، ސ. ފޭދޫ، ފަޅޯމާގޭ، ހުސެއިން އާސިރެވެ. ރާއްޖޭގެ ދެކުނުން، އުތުރަށް ބަދަލުކޮށްފައިވާކަން އާސިރަށް އަންގާފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ކުރިނބީ ބްރާންޗުގެ ވަޒީފާއަށް ތިން ދުވަސް ތެރޭގައި ނިކުތުމަށް އަންގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީގެ ޖަވާބުގައި، ޝަރުތުތަކަކާ އެކު އޭނާ ވަނީ ހަމަ އެ ދުވަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި އޭނާ ބުނެފައި ވަނީ، ކުރިނބީ ބްރާންޗަށް ބަދަލުކޮށްފައިވީ ނަމަވެސް، އައްޑޫއިން ކުރިނބީއަށް ދަތުރުކުރާ އެއްވެސް ކަހަލަ އުޅަނދަކާ ދިމާވެފައިނުވާ ކަމަށާއި ކުއްޔަށް އުޅަނދެއް ހިފައިގެން ކުރިނބީއަށް ދެވޭވަރުގެ ތަނަވަސްކަމެއް އޭނާގެ ނެތް ކަމަށެވެ. އަދި އައްޑޫއިން ކުރިނބީއަށް އެންމެ އަވަހަށް ދަތުރުކުރާ އުޅަނދަކުން އެ ރަށަށް ދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ދެ ޝަރުތެއް ކޮށްފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހދ. އަތޮޅުގެ ދާއިރާއަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަދަލުކޮށް ދިނުމާއި، ރައީސް އަބްދުﷲ ޔާމީން ޒިމްބާބުވޭގެ ރައީސްގެ މަގާމަށް ބަދަލުކޮށްދިނުމެވެ.

އޭނާ ވަނީ ކުރިނބީ ބްރާންޗަށް ނިނިކުމެވި ހިނގަމުންދާ ދުވަސްތަކުގެ ތެރޭގައި ކުންފުންޏަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި އެ ދުވަސްތައް އަހަރީ ޗުއްޓީގެ ބާކީ އޮތް ބައިން ހަމަޖައްސައި ދިނުމަށް ވެސް އެދިފައި ވެއެވެ.

ފަހަކަށް އައިސް، ދުރު އަތޮޅުތަކަށް ފެނަކައިގެ މުވައްޒަފުން ބަދަލުކުރަމުންދާތީ، ދިމާވާ ދަތިތައް ބަޔާންކޮށް، މުވައްޒަފުން ދަނީ ފެނަކައަށް ގިނަ އަދަދެއްގެ ސިޓީ ފޮނުވަމުންނެވެ. މުވައްޒަފުން ބުނާ ގޮތުގައި ފެނަކައިން އެކަން އެގޮތަށް ކުރަމުންދަނީ ސިޔާސީ ފިކުރު ހުންނަ ގޮތުން ކަމަށާއި، ބޭނުމަކީ މުވައްޒަފުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ހާލަތެއް މެދުވެރިކުރުވުން ކަމަށެވެ. އަދި މި ގޮތަށް ދުރު އަތޮޅުތަކަށް ބަދަލުކުރާ އިރު އެ ރަށްތަކަށް ދަތުރުކުރުމާއި އެ ނޫން ވެސް ކަންކަން ކުންފުނިން ހަމަޖައްސައިނުދޭކަން ވެސް އެ މުވައްޒަފުން ދަނީ ފާހަގަކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 އޯގަސްޓް 2017 | ހޮނިހިރު 21:29
ދަންނައްނުދަންނަ ބޭ
ވޯޓް ފޭރިގަންނަން އުޅުނަކަސް ނުލިބޭނެ އޭތި ލިބޭނީ ރުހުމުގައި ފެނަކައިންކުރާ މަސައްކަތަކީ ރައްޔިތުންގެ ކުޑަ ތާާއީދެ މިސަރުކާރައޮތަސް އޭތިކޮޅުވެސް ފުޑާލަން ތޭންކުސް ފެނަކަ !!!!