ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއިލް ޝަފީޢު މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާކަމަށާއި އެކަން ކުށްވެރިކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ 19 މާރިޗު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ދެއްކެވި ބައެއް ވާހަކަ ތަކަކީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ވާހަކަ ތަކެއްކަމަށެވެ. މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލްއަށެވެ. އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަހެވެ.
މިއީ ހަމަ ގައިމުވެސް މުދައްރިސުންނަށް ވަރަށް ބުރަކަމަކަށް ވެގެންދާނެއެވެ. މިކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ދިޔައީ ކުރަމުންނެވެ. އަދި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަހެވެ. އަދި މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެނެއް ހިޔެއް ނުވެއެވެ. މިކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހުއެވެ. މިގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައެވެ. މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާއެވެ.އެމްޑީޕީގެ ބަޔާން
އަވަސް އަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވާ، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށްދަނީ ކުރަމުންކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުންކަމަށެވެ. މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުންދަނިކޮށްކަމަށާއި މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއްނުފެންނަކަމަށް އެމްޑީޕީން ބުނެއެވެ. މިހާތަނަށްވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންކަމަށާއި މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައި ނުވާކަމަށްވެސް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުންނެވެ. ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަމަށާއި އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކަވަރު ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެކަމީ އެމްޑީޕީން ކަންބޮޑުވާ ކަމެއްކަމަށާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.