ވަކިވަކި ސިފައިންނާއި ފުލުހުން ހިންގާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭނީ އެ އަމަލު ހިންގި މީހަކު ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކޮލަމިސްޓް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
މިހާރު ނޫހުގައި ހުކުރު ދުވަހު އޭނާގެ ކޮލަމްގައި "ވަކިވަކި ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާކުރުން"، މި ސުރުހީގެ ދަށުން ސުއޫދު ލިޔުއްވާފައިވާ ކޮލަމްގައި ވިދާޅުވެފައި ވަނީ، އެއްވެސް ސިފައެއްގައި، އަދި އެއްވެސް ހާލެއްގައި މީހަކު ކުރާ ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އެހެން މީހަކަށް ނުވަތަ މުއައްސަސާއަކަށް ނުއުފުލޭނެ ކަމަށެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ސީދާ އެ އަމަލެއް ކުރި މީހާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދުވަސް އެކަމަކާ ގުޅޭ ގޮތުން އެންމެ އަޑުހަރުކޮށް، އެކި ގޮތް ގޮތަށް ޚިޔާލުފާޅުކޮށް، ކުރެވެމުންދާ ސުވާލުތައް ކަމުގައިވާ "އެމްއެންޑީއެފްގެ ވެރިންގެ އަމުރަށް ސިފައިން އަމަލުކުރަމުން ދިއުމުގައި ވަކިވަކި ސިފައިން ކުރާ ކަންކަމުގެ ޒިންމާ ވަކިވަކި ސިފައިން އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސިފައިންގެ މުއައްސަސާއިން ހެއްޔެވެ؟" މި ސުވާލުތަކަށް ސުއޫދު ވަނީ އިސްލާމީ ޝަރީއަތުން މިސާލުދައްކަވައި ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ހިނގައިދިޔަ ކަންކަމާއި ގުޅޭގޮތުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސިފައިންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަށް ސޫއޫދު ވަނީ އަލިއަޅުއްވާ ލައްވާފައެވެ.
ޑިފެންސް މިނިސްޓަރު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ސިފައިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގެ އޯޑިއޯއެއް ލީކުވެފައިވާއިރު، އެ އޯޑިއޯގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، "އެތަނަށް ގޮސް އެ ހުންނަނީ އެއްގޮތަކަށްވެސް ރަމީޒެއް ނޫން. ސިފައިން ކަނޑައަޅާފައިވާ ހެދުމެއްގައި ގޮސް ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑުމެން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު، ލީޑަޝިޕުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދެއްގައި އޭނާ އެކަންޏެއް ނުވާނެ. އެކުގައި މުއައްސަސާ އޮންނާނެ. ދައުވާ ކުރާ ކަމުގައިވާނަމަވެސް އެކަމަށް ވަކާލާތު ކުރާނަން. އެއީ މުއައްސަސާ އިން ކުރާ ކަމެއްގެ ގޮތުގައި. ފަހަރެއްގައި ވެސް ވަކިވަކި ކުއްޖަކަށް އެ ދައުވާއެއް ނުކުރެވޭނެ"، ކަމަށެވެ.
ސޫއޫދު ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ މި ބަސްފުޅު ގާނޫނުގެ ތަރާދުން ކިރާލުމުގެ ގޮތުން، މުއައްސަސާއެއްގެ ވެރިންގެ އަމުރަށް އެ މުއައްސަސާއެއްގެ މުވައްޒަފުން ކުރާ ކަންކަން ދެ ބާވަތަކަށް ބަހާލެވިދާނެ ކަމަށެވެ. އެއް ބާވަތަކީ އެފަދަ މުވައްޒަފުން ވެރިންގެ އަމުރަށް ކުރާ ޖިނާއީ ކުށްތަކެވެ. އަނެއް ބާވަތަކީ އެފަދަ މުވައްޒަފުންގެ ފަރާތުން އެހެން ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުންތަކެވެ.
ސުއޫދުވަނީ ކީރިތި ޤުރުއާނާއި އިސްލާމީ ޝަރީއަތުން މިސާލު ދައްކަވާފައެވެ. އެގޮތުން އަލް އިސްރާ ސޫރަތުގެ 15 ވަނަ އާޔަތުގެ މާނައިގައި "އެއްވެސް މީހަކު އެހެން މީހަކު ކުރާ ފާފައިގެ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ." އަދި އެހެން އާޔަތެއްގެ މާނަ ކަމުގައިވާ "އެމީހަކު ކުރިކަމެއްގެ ޖަޒާވަނީ އެމީހަކަށެވެ." މި މިސާލުތައް އޭނާ ވަނީ ނަންގަވާފައެވެ.
މީގެ އިތުރުން އިސްލާމީ ޝަރީއަތުން ދަލީލު ދައްކަވަމުން "އެހެން މީހެއްގެ ބާރުގެ ދަށުގައިވާ ކަމެއް ކުރުމަށް ކުރާ އަމުރަކީ ބާޠިލް އަމުރެކެވެ." (ބާޠިލް އަމުރަކީ ވުޖޫދުގައި ނެތް އަމުރެއް ފަދަ އެވެ. އެގޮތުން އެފަދަ ބާޠިލް އަމުރަކަށް ތަބަޢުވެ ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ނަގާނީ ކަން ކުރި ފަރާތަކުންނެވެ.) އަދި "ކަމެއް ކުރުމަށް ސަބަބަކަށް ވި މީހާ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ" މި ދަލީލުތައް ވެސް ސުއޫދު ވަނީ ހިއްސާކުރައްވާފައެވެ.
އޭނާ ވަނީ، ދިވެހިރާއްޖޭގައި އެޕްރީލް 2015 އިން ފެށިގެން އަމަލުކުރަމުން މި އަންނަ ގާނޫނުލްއުގޫބާތުގެ 20 ވަނަ މާއްދާއަށްވެސް ރިއާޔަތް ކުރައްވާފައެވެ. އެ މާއްދާގައި ބުނަނީ، ކުށުގެ ޒިންމާ މީސް މީހުން އުފުލުމުގެ އަސާސް ކަނޑައަޅާފައިވާ މާއްދާގައި ބުނާ، ހާލަތްތަކުގައި އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހުން ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ކުށުގެ އަމަލު ކުރާ މީހުން ކުށުގެ ޒިންމާ އުފުލަން ނުޖެހޭނޭ އިސްތިސްނާ ހާލަތުތައް އެ ގާނޫނުގެ 30 ވަނަ ބާބާއި 40 ވަނަ ބާބުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކާއި ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް އުފުލަން ޖެހޭ ޖިނާއީ ޒިންމާއިން އެ މީސްމީހުން އިސްތިސްނާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހަކު ބުނެގެން ގޮސް ކުށެއް ކޮށްފި ނަމަ ކުށްކުރުމުގައި އެމީހަކު ބައިވެރިވީކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެއެވެ.
ސަލާމަތީ ޚިދުމަތަކުން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އަނެއް ސަބަބަކީ ސުއޫދު ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 245 ވަނަ މާއްދާގައިވާ ގޮތުން ސަލާމަތީ ޚިދުމަތެއްގައި ހިމެނޭ މީހަކަށް ޣައިރުގާނޫނީ އަމުރެއް ކުރި ނަމަވެސް އެފަދަ އައިރުގާނޫނީ އަމުރަކަށް ސަލާމަތީ ހިދުމަތުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެންނުވާނެ ކަމަށް ބުނެފައި ވާތީއެވެ.
ސިފައިންނާއި ފުލުހުންގެ މަދަނީ މަސްއޫލިއްޔަތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރާ ކަމަކުން އެހެން ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުމެއްވެއްޖެ ނަމަ، އެ ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ފައިސާއިން ދިނުމަށް ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކުރެވިދާނެ ކަމަށެވެ.
އެހެންނަމަވެސް އެ އަމަލުގެ ތެރޭގައި ހިނގާފައިވާ ޖިނާއީ ކުށުގެ އަމަލެއް އޮތް ނަމަ އެކަމުގެ ޒިންމާ އުފުލާނީ ސީދާ އެ މުވައްޒަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، މި އުސޫލުތައް އެއްވެސް އިސްތިސްނާއެއް ނެތި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އަބަދުވެސް ތަންފީޒުކުރަމުން ގެންދާ ކަމަށެވެ.