ޖަމްއިއްޔަތުލް ޚައިރާއި ރާއްޖެޓީވީ ގުޅިގެން ހައްޖުގެ އަޅުކަމާ ގުޅޭ މައުލޫމާތު ފޮތަކާއި ހައްޖު ދުއާތައް ހިމެނޭ ދުއާ ކާޑެއް ބަހަން ނިންމައިފި އެވެ.
ރާއްޖެ ޓީވީގެ މެނޭޖްމެންޓްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޖަމިއްޔަތުލް ހައިރާ ގުޅިގެން ހައްޖު ފޮތަކާއި ދުއާ ކާޑު ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ ޓީވީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. މި ފޮތް ހޯދުމަށް ހައްޖުވެރިން ވަޑައިގަންނަވާއިރު، އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ރާއްޖެ ޓީވީން އެދެ އެވެ.
ހައްޖުގެ އަތްމަތީ ފޮތުގައި އެންމެ ފުރިހަމަ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރެވޭނެ މައުލޫމާތު ހިމެނޭއިރު، އެ ފޮތުގައި ހައްޖާއި އުމްރާގެ އަޅުކަމުގެ އެކި ރުކުންތައް ކުރާނޭގޮތާއި، އެ ރުކުންތައް އަދާކުރުމުގެ ކުރިން އަދިފަހުން ކަންކަން ކުރާނެގޮތް ވަރަށް ފަސޭހައިން ދޭހަވާނެގޮތަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އިހްރާމް ބަނުމުން ފެށިގެންގޮސް ހައްޖުގެ އަޅުކަން އަދާކޮށް ނިމެންދެއް ކަންކަން ކުރާނެ ގޮތް ވަރަށް ފަސޭހައިން ދޭހަނެ އެވެ.
ދުއާ ކާޑު ތައްޔާރުކޮށްފައި ވަނީ ކަރުގައި އަޅުވާލެވޭ ގޮތަށް ނުވަތަ ޖީބަށް ލައިގެން ގެންގުޅެވޭ ގޮތަށެވެ. މި ދުއާ ކާޑްގައި ހައްޖާއި އުމްރާގެ އަޅުކަމުގެ ތެރޭގައި ކިޔާނެ މުހިއްމު ދުއާތަކާއި އެ ދުއާތައް ކިޔާނެ ވަގުތުތައް ހިމަނާފައިވެ އެވެ.
ދިވެހި ހައްޖުވެރިން މި މަހުގެ ހަތެއްގައި ހައްޖަށް ފުރަން ފަށާނެ އެވެ. މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ދެއެވެ.