Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 19:39
ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން
ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން
މުހައްމަދު ޝަރުހާން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފި
މުޒާހަރާގައި ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފަ
ގިނަ ބަޔަކު އިހްތިޖާޖު ނުކުތުމުން ފުލުހުން ހަމަމަގަށް އެޅުވޭނެ: ހަސަން ލަތީފް
ރައީސް ޔާމީނަން ދެން ބިރެއް ނުދެއްކޭނެ: ޝިފާޒު

"މިނިވަންކަން" ހޯދުމަށާއި ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލާއި އިދިކޮޅު ފަރާތްތަކުން މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފިއެވެ. 

 

ހުކުރު ދުވަހު ހަވީރު 4:30 ކަންހާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މުޒާހަރާ ފަށާފައި ވަނީ އެމްޑީޕީ ހަރުގެ ކުރި މަތިންނެވެ. ދިވެހި ގައުމީ ދިދަ ހިފައިގެން ކުރި މުޒާހަރާގެ ތެރެއިން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

 

އަޑުގަދަ ކުރާ ބޭނުންކޮށްގެން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަން ދެން ރާއްޖޭގެ ރައްޔިތުންނަން ބިރެއް ނުދެއްކޭނެ ކަމަށެވެ. އަދި ގެއްލިފައިވާ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގެ ރައްޔިތުން މުޒާހަރާ ކުރުމަށް މުއައްސަސާތަކުން ފުރުސަތު ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

 

އައްޑޫ މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ގެންދާ މަގުމަތީ ހަރަކާތް ހުއްޓާލާނީ މިހާރު ހައްޔަރުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަން ކުރުމުން ކަމަށެވެ. އަދި އެކަން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް މަޖުބޫރު ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

 

މުޒާހަރާގެ ބައިވެރިން އެމްޑީޕީ ހަރުގެ ކުރިމަތީގައި އިށީނދެ ތިބެ އަޑުއުފުލަން ފެށިއެވެ. ބޮޑުތަކުރުފާން މަގު ބަންދުވުމާއި އެކު އެއްވެ ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިލްތިމާސް ކުރިއެވެ. މީގެ ކުރިން އެ ސަރަހައްދަށް މީހުން އެއްވެއްޖެ ނަމަ ފުލުހުން ވަގުތުން އައި ރޫޅާލި ނަމަވެސް މިއަދު ގަދަ ބާރުން މީހުން ފަހަތަށް ޖައްސާފައެއް ނުވެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ވަނީ މަގުމަތީގައި ތިބެ ، ސަރުކާރާ ދެއްކޮޅަށް އަޑު އުފުލާފައެވެ. އެމީހުން ދުރަށް ޖެއްސުމަށް ފުލުހުން ވެސް މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. 

 

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ފުލުހުންނާއި ސިފައިންނަން ވެރިން އަންގާ ކަމަށެވެ. އަދި ފާޅުގައި ގާނޫނާ ހިލާފަށް ކުރާ އެފަދަ އަމަލުތަކަށް ތަބާނުވުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ.

 

މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ފުލުހުން މިއަދު އަމަލުކުރީ އެހެން ދުވަސްތަކާ ހިލާފަށް ކަމަށެވެ. ޙައްގުތަކަށް ކަށަވަރުކުރުމަށް ގުޅިފައިވާ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ކުރިއަށް އޮތް ހަރަކާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

 

އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުކުމެ ހައްގުތަކަށް ކަށަވަރުކުރުމަށް އަޑުއުފުލުމުން ފުލުހުން ވެސް ހަމަމަގަށް އެޅުވޭނެ ކަމަށެވެ.

 

"ރައްޔިތުންގެ ބަދަލު"ގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ހިނގަމުންދާ ހަރަކާތްތަކާއެކު މަޖިލިސް މެމްބަރުންނަށް މިސަރުކާރުގެ ފިއްތުންތައް ކުރިމަތިވެގެންދިޔަ އެވެ. އެގޮތުން މަޖިލީހުގެ ގިނަ މެމްބަރުންނަށް ތަޙްޤީޤް ހިންގަމުންދާއިރު ބައެއް މެންބަރުން މިހާރު ވެސް ތިއްބެވީ ޖަލުގައި އެވެ.

 

މާލޭގެ އިތުރުން ރަށްރަށުގައި ވެސް މުޒާހަރާތައް ކޮށްފައި ވެއެވެ. އެ ގޮތުން ގދ.  އަދި ގއ. އަތޮޅުގެ ރަށްތަކުގައި މުޒާހަރާތައް ބާއްވާފައިވާ އިރު އައްޑޫގައި ވެސް އަޑު އުފުލާފައި ވެއެވެ. ގދ. ތިނަދޫގައި ބޮޑު  މުޒާހަރާއެއް ބާއްވާފައި ވެއެވެ. މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް