ކ. މާލެ
|
18 މާރޗް 2024 | ހޯމަ 11:38
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސޮފްވަތު ރައޫފް
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސޮފްވަތު ރައޫފް
ރާއްޖެއެމްވީ
ކުޑަކުދިންނާބެހޭ މައްސަލަތައް
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަނީ
 
މީގެ އެއް މައްސަލައެއްގެ ތަހުގީގު ވަނީ ނިމި ޕީޖީއަށް ފޮނުއްވާފައި، ދެވަނަ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ
 
ކުޑަކުދިން ކުޅޭ އޮންލައިން ގޭމުތަކުން ދިމާވާ މީހުން އެކުދިންނަށް ފައިސާގެ މަންފާދެމުން އެބަގެންދޭ

ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދީއްތަ ދުވަހު އިސްކަންދަރުކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސޮފްވަތު ރައޫފް ވިދާޅުވީ، ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ ފަރާތްތައް ހިމެނޭ މައުލޫމާތުގެ ލިސްޓެއް އެފަދަ ކަންކަން ބަލައި މޮނީޓާ ކުރާ ބޭރުގެ ލޯ އެންފޯސްމަންޓު އޭޖެންސީތަކުން ދިވެހި ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހިއްސާ ކުރުމާ ގުޅިގެން އެމައްސަަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ސޮފްވަތު ވިދާޅުވިއެވެ.

އެގޮތުން ތަހުގީގުގެ މަރުހަލާ ނިންމާފައިވާ އެއް މައްސަލައެއް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަދި އިތުރު މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުންދާ ކަމަށްވެސް ސޮފްވަތު ވިދާޅުވިއެވެ. ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ޑައުންލޯޑް ކޮށްގެން ގެންގުޅެމުންދާ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންގެންދާ ކަމަށްވެސް ސޮފްވަތު ވިދާޅުވިއެވެ.

މީގަވެސް ފާހަގަކޮށްލެވޭ ކަމަކީ، ސޯޝަލްމީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި މޯބައިލް ނަންބަރުތައް ހިމެނޭގޮތުން، މިގޮތަށް މި ޑައުންލޯޑު ކުރާ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މިދަނީ. އަދި ކުރިއަށް އޮތްތާނގައި، މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ކެޕޭސިޓީ އަޅުގަނޑުމެން އިތުރުކުރުމަށްޓަކައި، އެ ޤާބިލްކަން އިތުރުކުރުމަށްޓަކައި، އަޅުގަނޑުމެން މިހާރުވެސް އަޅުގަނޑުމެން ތެރޭގައި ހިމެނޭ މި ދާއިރާގެ ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއްވެސް މި އަހަރުގެ ތެރޭގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވިފަވަނީ
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސޮފްވަތު ރައޫފް

ސޮފްވަތު އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް އެކިކަހަލަ ގޯނާތައް ކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާ މިއީ ކަންބޮޑޫވާންޖެހޭ ކަމެއްކަމަށެވެ. އަދި މިގޮތަށް ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ މައުލޫމާތު ފުލުހުންނާ ހިސާބަށް އަންނަނީ ވަރަށް ލަހުން ކަމަށާއި ބައެއް ފަރާތްތަކުން މިފަދަ މައުލޫމާތުތައް ސިއްރުކުރުމަށް މަސައްކަތް ކުރާކަން ވެސް ސޮފްވަތު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމައެއާއެކު، ކުޑަކުދިން މިހާރު އާއްމުކޮށް ކުޅެމުންދާ އޮންލައިން ގޭމްތަކުގެ ތެރެއިންވެސް ދިމާވާ އެކިއެކި މީސްމީހުންގެ ތެރެއިން ކުދިން 'އެކްސްޕްލޮއިޓް' ކުރުމަށްޓަކައި ގޭމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ފައިސާގެ ޒަރިއްޔާއިން ކުދިންނަށް މަންފާދީ، ބަދަލުގައި އެކުދިންގެ ބަރަހަނާ ފޮޓޯ ނަގާފައި ފޮނުވުމަށް ޑިމާންޑުކުރަމުންދާ ކަމަށްވެސް ސޮފްވަތު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި