އިންޑިއާގެ އަރިޔާން ކޮލެޖް އޮފް ހޮޓެލް މެނޭޖްމަންޓުން ވަޒީފާ ހޯދައި ދޭނެ ކަމަށް ބުނެ ރާއްޖެ ފޮނުވި 30 ދަރިވަރުން ރާއްޖޭގައި ހާލުގައި ޖެހިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ދިލްސުޚުނަގަރު ގައި ހުންނަ މި ކޮލެޖުން މި 30 ދަރިވަރުން ރާއްޖެ ފޮނުވީ އެމީހުން އަތުން ފައިސާ ނަގާ، ރާއްޖޭގެ ރަނގަޅު ހޮޓާތަކުންނާ ރިސޯޓްތަކުން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ މި ޚަބަރުގައި ވެއެވެ.
އިންޑިއާގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަންފެށީ، އޮޅުވާލައިގެން ރާއްޖެ ފޮނުވި ގްރޫޕްގައި ހިމެނޭ ދަރިވަރެއްގެ ބެލެނިވެރިއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ކޮލެޖުން 4.5 ލައްކަ އިންޑިއަން ރުޕީސް ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ކޮންމެ ދަރިވަރެއްގެ އަތުން ނަގާފައިވާ ކަމަށެވެ. ފައިސާ ނެގުމަށްފަހު އެމީހުން ރާއްޖެ ފޮނުވީ ޖޫން މަހުގެ ފަހު ހަފްތާގެ ތެރޭގައި ކަމަށް މަލަކްޕެޓް ފޮލިސް ސްޓޭޝަންގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ކޮލެޖްގައި ފުރަތަމަ އަހަރު ކިޔަވަމުންދާ މި ދަރިވަރުންތައް ވަޒީފާ ދޭނެ ކަމަށް ބުނެ ރާއްޖެ ގެނެސް މާލޭގައި ބޭތިއްބީ ހޮޓަލެއްގެ ކޮޓަރިއެއްގައި ކަމަށާއި، އެ ގޮތައް އެތައް ދުވަހަކު ތިބި އިރުވެސް ވަޒީފާ ހަމަޖެހޭ ގޮތް ނުވެގެން އިތުރަށް ބެލިއިރު އެ މީހުން ރާއްޖެ ގެނެސްފައި ތިބީ ވޯކް ވިސާގެ ބަދަލުގައި ޓޫރިސްޓް ވިސާ ގައި ކަމަށާއި، ވަޒީފާގެ ކަންތަކުގައި ކޮލެޖަށް ގުޅުމުން އެމީހުންނަށް ވަޒީފާ ހަމަޖައްސައި ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
މި 30 ދަރިވަރުންގެ ތެރެއިން 10 ދަރިވަރަކު އިންޑިއާއަށް އެނބުރި މިހާރު ގޮސްފައިވާ ކަމަށާއި، ބާކީ ތިބި ދަރިވަރުން އަދިވެސް ތިބީ މާލޭގައި ތާށިވެފައި ކަމަށް ޚަބަރުގައި ބުނެފައި ވެއެވެ.
ދަރިވަރުންތަކަކަށް އޮޅުވާލައިގެން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ރާއްޖެ ފޮނުވި މައްސަލައިގައި އެ ކޮލެޖްގެ މެނޭޖްމަންޓުގެ އިސް މުވައްޒަފުންތަކަކާ އިންޑިއާގެ ފުލުހުން މިހާރު ގެންދަނީ ސުވާލު ކުރަމުންނެވެ.
އިންޑިއާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މާލޭގައި މި ދަރިވަރުންތައް ތިބި ހޮޓަލުންވަނީ އެމީހުންގެ ޕާސްޕޯޓުތައް އަތުލާ ހޮޓަލުން ބޭރަށް ނުކުތުންވެސް މަނާ ކޮށްފައެވެ. މި ޚަބަރުގައި ދަރިވަރުންތައް ތިބީ ކޮން ހޮޓަލެއްގައި ކަން ހާމަކޮށްފައެއް ނުވެއެވެ.
މި ކަމާ ހިތްހަމަ ނުޖެހިފައިތިބި ބެލެނިވެރިން ވަނީ މި ދިޔަ ބުދަ ދުވަހު ކޮލެޖް ކައިރިއަށް އެއްވެ މުޒާހަރާ ކޮށް މިކަމާ ޒިންމާވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ.