ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން އެއް ވަނައިގައި ލީޑު އިތުރަށް ފުޅާ ކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ފެނުނުއިރު، އަނެއް ތިން ލަނޑު ފެނުނީ ދެ ވަނަ ހާފުގަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ރެއާލުންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ތިން މިނެޓު ފަހުން އަންޓޭ ބުޑިމީރް ވަނީ ލަނޑު ޖަހައި އޮސަސޫނާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ، ޖޯޖު ހެރާންޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ރެއާލަށް ލީޑު ނަގައިދިނީ ޑެނީ ކަވަހާލް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ.
ދެ ވަނަ ހާފުގައި ރެއާލުން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެއީ މެޗުގެ 61 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ޖެހި ލަނޑާއި، 64 ވަނަ މިނެޓުގައި ވިނީޝިއުސް ޖެހި ލަނޑުތަކެވެ. އެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވަލްވާޑޭ އެވެ. މެޗުގައި އޮސަސޫނާގެ ދެ ވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އިކާ މުނޯޒް އެވެ.
މޮޅާއެކު ރެއާލުން ވަނީ އެއް ވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 29 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލްގެ ފަހަތުން ދެ ވަނައިގައި އޮތް ޖިރޯނާ އަށް ލިބެނީ 62 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 61 ޕޮއިންޓެވެ.