މީހުންގެ މޫނަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހަނީ މަޖުބޫރުވެގެން ކަމަށާއި އެގޮތަށް ކަން ކުރަނީ ކުރަން ބޭނުންވެގެން ނޫން ކަމަން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަތީ އޮފިސަރުން އަންގައިގެން ތަންފީޒުކުރުވާ ކަންކަމާމެދު އޭގެތެރެއިން ގިނަ ފުލުހުން މިހާރު ލަދުގަންނަ ކަމަށެވެ.
"މޭޑޭގައި ފުލުހުންގެ ތެރެއިން އަޅުގަނޑުގައި ޖެހި ހުރިހާ އެންމެން ވަނީ މާއާފަށް އެދިފައި. އަދި އަޅުގަނޑުވަނީ އެފަރާތްތަކަށް ހިތް ހަލާސް ކޮށްފައި. ފުލުހުންގެ ތެރެއިން ގިނަ ފުލުހުން އެފަދަ އަމަލުތައް ހިންގަވަނީ މަޖުބޫރުވެގެން ކަަމަށް ބުނޭ." އީސަ ވިދާޅުވި އެވެ.
ފުލުހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ ޕްރޮފެޝަނަލް ޓްރެއިނިންއެއް ނެތި އެކަމުގެ ތެރެއަށް ވަދެވިފައިވާ ކުދިންކަން ފާހަގަކޮށް އީސަ ވިދާޅުވީ ވަޒީފާ ގެއްލިއްޖެ ނަމަ މަގުމަތިވެދާނެ ކަމަށް އެ ކުދިނަށް ގަބޫލުކުރެވޭ ކަމަށެވެ.
ހައްގު ބަސް ބުނާ މީހުންނަށް ތަފާތު ގޮތްގޮތުން އިންޒާރު ދެމުންދާ ކަމަށާއި މި ސަބަބުތަކާ ހުރެ ރައްޔިތުންގެ ހައްގުގައި ބަސްބުނަން ކިތަންމެ ބޭނުންވިޔަސް އެމީހެއްގެ އަމިއްލަ އާއިލާގެ ހައްގުގައި އެކަން ނުކުރެވޭ ކަމަށް އީސަ ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާގެ ކަންކަން ބައްޓަންކޮށްފައިވާ ގޮތުން ފުލުހުންނަށް ނިކުމެ ރައްޔިތުންނަށް އަނިޔާދިނުމަށް މަޖުބޫރުވަނީ ކަަމަށް އޭނާ ވިދާޅުވި އެވެ.
އީސަ ވިދާޅުވީ، އެއްދުވަހު މުޒާހަރާއަށް ނިކުމެ ޕެޕާ ސްޕްރޭ ޖެހުމަށްފަހު އަނެއް ދުވަހު މަގުމަތިން ފެނުމުން އެކަމަށް މައާފަށް އެދޭ ފުލުހުން ގިނަ ކަމަށެވެ. ފުލުހުން ލައްވާ މަޖުބޫރުން ކުރުއްވާ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންގެ އިސްވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް ހައްގަކަށް އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް އަރައިނުގަނެވޭނެ ކަަމަށާއި ގާނޫނާއި ހިލާފަށް ކުރާ ތަހުގީގުތަކާއި ގާނޫނާއި ހިލާފަށް ކުރައްވާ އަމަލުތަކުގެ ޒިންމާ ފުލުހުންގެ އިސްވެރިން ނަންގަވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ފުލުހުންގެ އިސްވެރިން ހައްގުބަސް ބުނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.