ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަތްދޮޅި އާދަނު ހުރިނަމަ، ވަޑައިގަތީހީ ހަށިފާރަވެރިންނާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި ފުލުުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެނެންނެވިކަމަށް ތުހުމަތުކޮށް ފުލުހުން ކުރަމުންގެންދާ ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެ ދުވަހު މަޖިލިސް ބަންދުކުރީ، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ނުވަތަ ނޭއްގާނީ އަމަލެއް ހިންގާ ކަހަލަ މައުލޫމާތާ ގުޅިގެން ކަމަށް ވާނަމަ އެ އަމަލަކީ މެންބަރުންގެ ދަތްދޮޅި ދުއްވާލުން ކަމަށް ވެދާނެ ކަމަށެވެ.
"މަޖާޒީ ގޮތުން އަޅުގަނޑަށް ދޭހަވަނީ ދަތްދޮޅި ދުއްވާލާ މީހާއަކީ ދަތްދޮޅި އާދަނު. ދަތްދޮޅި އާދަނު އެތަނުގައި ހުންނެވިކަން އަޅުގަނޑަށް އެނގޭނަމަ އަސްލު އަޅުގަނޑު ސެކިއުރިޓީ އާއި އެކު ދާނީ. އަމީން އާންމު އެކަން ނޭންގެވުމަކީ ވަރަށް ދެރަ ކަމެއް، ދަތްދޮޅި އާދަނު މަޖިލީސްތެރޭގައި ހުންނެވިކަން." އަސްލަމު ވިދާޅުވި އެވެ.
އަސްލަމު މިފަދަ ގޮތަކަށް ވާހަކަދައްކަވާފައިވާ އިރު ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ) އޮފިސަރުންނާ ބައްދަލުކުރައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާ ދެއްވެކި ވާހަކައިގެ ވިދާޅުވީ، އެ މަނިކުފާނަށ ވުރެ ސިފައިންގެ ކެތްތެރިކަން ބޮޑުވާނެ ކަމަށާއި ޖަލްސާގައި މެމްބަރުންނާއި ސެކިއުރިޓީ އޮފިސަރުކންނާމެދު ހަމަނުޖެހުން ހިނގިއިރު، އެ މަނިކުފާނު މަޖިލީހުގެ އިދާރާގައި ހުންނެވި ނަމަ "ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވީލީމުސް" ކަމަށެވެ.
މިނިސްޓަރގެ މިހެން ވިދާޅުވި ބައްދަލުވުމުގެ ރެކޯޑިން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އިރު ގިނަ މަޖިލީސް މެންބަރުންތަކެއް އަންނަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
މި އޯޑިއޯ މައްސަލައިގައި އެސްޕީޖީގެ ގިނަ އޮފިސަރުންތަކެއްގެ ފޯން އަތުލާފައިވާ ކަމަށް، އެ އޮފިސަރުންގެ އާއިލާތަކުން މައުލޫމާތު ދެ އެވެ. .