ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 16:56
ފަހިރާސްތާ ޕްރޮގްރާމް
ފަހިރާސްތާ ޕްރޮގްރާމް
މޯލްޑިވްސް ޕޮލިސް ސާރވިސް
"ރައްކާ" ކެމްޕެއިނުގެ ފަހިރާސްތާ ޕްރޮގްރާމް
"ރައްކާ" ކެމްޕެއިނުގެ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި
 
މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސްއާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، އަދި ދަ ހޯކްސް ގުޅިގެން

މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ "ރައްކާ" ކެމްޕެއިނުގެ “ފަހިރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ބައިވެރިވެވަޑައިގަތެވެ. މީގެ އި އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ޝީޝާ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގަވާއިދާއި އުސޫލުތަކުގެތެރެއިން އުޅުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއް ދުވަހުން ނުވަތަ ދެ ދުވަހަކުން ނޫންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންނާއި އެހެނިހެން މުއައްސަސާތައް ގުޅިގެން އެކުލަވައިލި ބޮޑު ޕްރޮގްރާމަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ވާނޭ ކަންކަން ނޫންކަމަށެވެ. އަދި ކޮންޕްރިހެންސިވް ޕްލޭނެއް ކުރިއަށް ގެންދާނެކަމަށާއި، މި ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުތެރޭގައި މާލޭގެ ކޮންޖެކްޝަންސްތަކަށް ހައްލެއް ލިބިގެން ދާނެކަމަށާއި، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދޭނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، މުޅި އަހަރަށް ތާވަލު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ" ރޯޑް ސޭފްޓީ ކެމްޕެއިންގެ ތެރެއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން މި ފެށޭ ފަހިރާސްތާ ޕްރޮގްރާމުގައި މިއަދުގެ ޓްރެފިކް ހާލަތު ތަސައްވަރު ކޮށްލުން ރަނގަޅުކަމަށް ވިދާޅުވިއެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ވެހިކަލް ތޮއްޖެހިފައިވާ ތޮއްޖެހުން ހައްލުކުރުމަށް މާލޭގެ ޕާކިންގއަށް ސަރުކާރުން ދިން ލުއިތަކާއި، ޕާކްކުރުމުގެ އާންމު އުސޫލުތަކާއި އަޚުލާގީ އަދި ފަރުދީ ޒިންމާއަށް ބެލުމެއްނެތި، މިސްކިތްތަކާއި ސްކޫލްތަކަށް ވަދެނުކުތުމަށް ދަތިވާގޮތަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ރޭންޕުތައް މަތީގައި ޕާކްކުރަމުން ގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ސައިލެންސަރަށް ބަދަލު ގެނެސްގެން އަޑުގަދަކޮށް ދުއްވުމާއި، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މަދުބައެއްގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ އެތައް ކަމެއްގެ ތެރެއިން މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް، ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މިއަދު ކުރެވެމުންދާ ކަމަށާއި، މި މަސައްކަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ އިސްނެގުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ވެމްކޯ ގުޅިގެން، މާލޭގެ މަގުތަކަށް އުކާލާފައިވާ ވެހިކަލްތަކުގެ ބައިތައް ނަގައި، ޕާކްކުރުމަށް އިތުރު ޖާގަ ތަނަވަސްކޮށްދިނުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އަދި ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމާއެކު، އެކަމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ މަގުތަކަކީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށްޓަކައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ. އަދި މި ރަމަޟާން މަހަށް ޚާއްސަކޮށްގެން، މިސްކިތްތަކަށް ވަދެނުކުމެވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައި ހުންނަ ރޭމްޕުތަކަށް ދަތިވާ ގޮތަށް ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ބާޒާރުމަތީގެ ޓްރެފިކް ފްލޯ ތަރުތީބުކޮށް ފަސޭހަކުރުމުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާކަމަށާއި، ގޮންޖެހުން ބޮޑު ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާ ވަރަށްގާތުން މަސައްކަތްކުރަމުންދާ ކަމަށާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ކަންކަން ކުރަންވީ ރަނގަޅުގޮތް އަންގައިދީ ވިސްނައިދީ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވަރަށް ރޭވުންތެރިކަމާއެކު އެކި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ދާނެގޮތަށް ތަރުތީބު ކުރެވިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފަހިރާސްތާ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ކަލާފާނު ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ޓްރެފިކް އެވެއާނެސް ހަރަކާތަކާއި، އެކްސިޑެންޓުވެފައިވާ މީހަކަށް އަވަސްފަރުވާދީ އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ހަރަކާތެއް މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރަމަޟާންމަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލަމުންދާނެއެވެ. އެގޮތުން ހުއްޓުވާ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

އަދި ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި  އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން