ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 21:34
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެއެމްވީ
އަދީބުގެ ބޭސްފަރުވާ
ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށް އަދީބު މާލެ ގެނައިއިރު، އެޕޮއިންޓެމެންޓް ހައްދާފައި އޮތީ ކަށީގެ ޑޮކްޓަރަކަށް!
އަދީބު ޑޮކްޓަރަށް ދެއްކުމަށް ގެނައީ ބުރާސްފަތި ދުވަހު
އަދީބުގެ އަނބިކަނބަލުންގެ ފާޑު ކިޔުން ފުލުހުންނަށް
ބަންދުގައި ތިބޭ މީހުންގެ އެޕޮއިންޓްމެންޓް ހަމަޖައްސަނީ ފުލުހުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯފުޅު ކަށީގެ ޑޮކްޓަރަކަށް ދެއްކުމަށް ބުރާސްފަތި ދުވަހު މާލެ ގެނެސްފި އެވެ.

މިކަމާ ގުޅޭ ގޮތުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ބުރާސްފަތި ދުވަހު ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އަދީބު އައިޖީއެމްއެޗް ގެނައި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނައި ފަހުން އެނގުނީ އެޕޮއިންޓެމެންޓް ހެއްދިފައި އޮތީ ކަށީގެ ޑޮކްޓަރަކަށް ކަމަށާއި އެހެންވެ އަނބުރާ ދޫނިދޫއަށް އަދީބު ގެންގޮސްފައިވާ  ކަމަށެވެ..

ފުލުހުންނާއި ކަރެކްޝަނުގެ ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓެމެންޓް ހައްދަނީ އެ މުއައްސަސާތަކުންނެވެ. އަދީބު މިހާރު ހުރީ ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެ.

ނަޝްވާ ވަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކަށީގެ ޑޮކްޓަރަކާއި ލޮލުގެ ޑޮކްޓަރެއް ވަކިކުރަން ދައުލަތުގެ މުއައްސަސާތަކަށް ނޭގޭއިރު، އެ މުއައްސަސާތަކުން ރަނގަޅަށް ކަމެއް ކޮށްފާނެ ކަމަށް އުންމީދު ކުރާނީ ވެސް ކިހިނެއްތޯ ނަޝްވާ ސުވާލު އުފެއްދެވި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއާ ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ  ކަމަށް އާއިލާއާ ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުންދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް އެކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

- ކޮމެންޓް