Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 19:42
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހުރަސްއެޅުމަށް ފުލުހުން މަސައްކަތް ކުރަނީ: އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ މެންބަރު އަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހުރަސްއެޅުމަށް ފުލުހުން މަސައްކަތް ކުރަނީ: އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ މެންބަރު އަލީ ޙުސައިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ޖުލައި 31 ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާއި ގުޅިގެން މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި
މައްސަލަ ހުށަހެޅުއްވީ މެންބަރު އަލީ ޙުސައިން
މައްސަލައިގައި 7 ކަމެއް ފާހަގަކުރައްވާފައިވޭ
މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިފައިންގެ އަމަލުތަކާއި، މަޖިލިސް ރައީސްގެ އަމަލުތައް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ އޮތް ދުވަހު މަޖިލީހުގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން، ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް އަލީ ޙުސައިން އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ބުރާސްފަތި ދުވަހު އަލީ ޙުސައިން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި 7 ކަމެއްގެ މައްޗަށް ރިޢާޔަތްކޮށް، އެ ކަންކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 153 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުޅި މަޖިލީހުގެ ޙައްޤަށް ނުވަތަ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމަށްވުމާއި، އޭގެތެރޭގައި މަޖިލީހުގެ ރައްކާތެރިކަމާއި، މަޖިލީހުގެ ޤަދަރާއި، މަޖިލީހުގެ ޖަލްސާތަކުގެ ޞައްޙަކަން ހިމެނޭ ކަންކަން ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ހަމަ އެއާއިއެކު، މަޖިލީހުގެ ޤަވާއިދުގެ 153 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުންގެ ޙައްޤުތަކާއި، އަބުރަށް އަންނަ އުނިކަންވެސް ދެވަނައަށް އެންމެ ބޮޑަށް އިސްކަންދެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ހިމެނުމަކީ މި މައްސަލަ ހުށަހަޅާ ސަބަބު ކަމަށް ބަޔާންކުރައްވާފައިވެއެވެ.

އަލީ ޙުސައިން ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް މެންބަރުން ހާޒިރުވެ، މަޖިލިސްކުރާ މާލަމުގައި މެންބަރުން ތިއްބައި، އަދި މަޖިލީހުގެ ރިޔާސަތުގައި އެއްވެސް މީހަކު ނެތި، ނުވަތަ ޖަލްސާ ނުފެށެނީސް، ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ނުވަތަ ސިފައިން މަޖިލިސްކުރާ މާލަމަށް ވަދެގަނެ، އެ މެންބަރުންގެ ގަޔަށް އަތްލުމުގެ ޤާނޫނީ ބާރުވެރިކަމެއް ސިފައިންނަށް ދެވިފައިނުވާއިރު، އަދި އެގޮތަށް އަތްލާ އަތްލުމަކީ ކަނޑައެޅިގެން ޣައިރުޤާނޫނީ އަމަލަކަށްވުމާއި، އަދި ޖިނާއީ ކުށަކަށްވުމެވެ.

މައްސަލައިގައި ދެވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، މެންބަރެއްގެ ގައިގައި އަތްލެވޭނޭ ހަމައެކަނި ގޮތް މަޖިލީހުގެ ޤަވާއިދުގައާއި ޢަމަލުކުރެވެމުންދާ އުސޫލުން ކަނޑައެޅިގެން އެނގެން އޮތުމާއި، އެގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މީހަކު އިނދެ، ޖަލްސާ ފެށުމަށްފަހު މެންބަރަކު މަޖިލީހުގެ ނިޒާމު ގެއްލުވާލުމުގެ އަމަލެއް ހިންގުމުގެ ސަބަބުން އެ މެންބަރެއްގެ ނަން އިއްވަންޖެހޭ ޙަލަތެއްގައި އެ މެންބަރެއްގެ ނަން އިއްވުމުން، އެ މެންބަރަކު މަޖިލިސްކުރާ މާލަމުން ނުނުކުތުމުގެ ސަބަބުން، އެވަގުތު ރިޔާސަތުގައި އިން ފަރާތުން ސާރޖެންޓް-އެޓް-އާރމްސް އަށް، އެ މެންބަރެއް ނެރުމަށް ލިޔުމުން އަންގައި، ސާރޖަންޓް-އެޓް-އާރމްސް މެދުވެރިކޮށް ކަމަށް ވުމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، 31 ޖުލައި 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސްކުރާ މާލަމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އެއްވެސް މީހަކު ނެތި، ނުވަތަ ޖަލްސާ ނުފެށެނީސް، ޖަލްސާކުރާ މާލަމަށް ގިނަ އަދަދެއްގެ ސިފައިން ވަދެގެނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގަޔަށް ގަދަކަމުން އަތްލައި، ބައެއް މެންބަރުން ތަޅުމުގެ މައްޗަށް ވައްޓާލައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކަކީ ޤާނޫނީ ބާރުލިބިގެން ސިފައިން ހިންގާފައިވާ ޢަމަލުތަކަކަށް ނުވާތީ އާއި އަދި އެއީ ކަނޑައެޅިގެން ޣައިރުޤާނޫނީ އަމަލެއް ކަމާއި، ޖިނާއީ ކުށެއްކަމަށެވެ.

މި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައި ވަނީ، 31 ޖުލައިގައި ސިފައިން އަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނޫގެ 6 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ނުވަތަ ސިފައިންގެ މައްޗަށް ލާޒިމުކޮށްފައި އޮތްއޮތުމާއި ޚިލާފަށްކަމަށެވެ.

ޖުލައި 31 ވަނަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި ޢަބްދުﷲ މަސީހު މުޙައްމަދު އިންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތައް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ކަނޑައެޅިގެން ޚިލާފަށް ބޭރުކޮށްލައްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށާއި ޤާނޫނީ ވާޖިބަށް ހުރަސްއަޅުއްވާފައިވާ ކަމަށްވެސް އަލީ ޙުސައިން ހުށަހެޅުއްވި މައްސަލައިގައެވެ. އެގޮތުން މަސީހު ކުރެއްވި ކަންކަމުގެ ގޮތުގައި އަލީ ޙުސައިން ވަނީ ދެ ކަމެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު، މުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅުއްވި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ސަބަބަކީ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 148 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަ ނުވާތީ" ކަމަށް ރިޔާސަުން ވިދާޅުވެފައިވާއިރު، އެ މާއްދާގައި (ކ) ގެ ނަމުގައި އަކުރެއް އެކުލެވިގެން ނުވުމެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު މަޚްލޫފް ހުށަހެޅުއްވި މަޖިލީހުގެ އިމްތިޔާޒުގެ މައްސަލަ ބަލައިގަނެފައިނުވާ ސަބަބަކީ، "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 157 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާ" މައްސަލައެއްކަމަށްވުމާއި އެގޮތުން، "ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާގުޅޭ މައްސަލައެއް ކަމަށްވުން ލާޒިމު" ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، އެ މައްސަލައިގެ އަސްލު ބިނާކޮށްފައިވާ ހާދިސާ ހިނގާފައިވުމާއި، އަދި އެ ހާދިސާ ހިނގާފައިވަނީ، 24 ޖުލައި 2017 ވަނަ ދުވަހު ކަމަށްވެފައި، އަޙްމަދު މަޚްލޫފް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، 30 ޖުލައި 2017 ވަނަ ދުވަހުގައިކަން ރަނގަޅަށް އެނގެން އޮތުމާއި އެހެންކަމުން އެ މައްސަލައަކީ އަސްލު ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 7 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 154 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މަޖިލީހުގެ ޙައްޤަކަށް ނުވަތަ މަޖިލީހުގެ އިމްތިޔާޒަކަށް އުނިކަމެއް އަތުވެއްޖެކަމުގެ މައްސަލައެއް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުން އެދިއްޖެހިނދެއްގައި، މަޖިލީހުގެ ޖަލްސާއެއްގައި ކުރުމަށް ކަނޑައަޅާފައިވާ އެހެންހުރިހާ ކަމަކަށްވުރެ އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމެއް ހުށަހެޅުމަށް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް އަތުވެއްޖެކަމަށް މައްސަލައެއް ހުށަހަޅަން ބޭނުންވެއްޖެ ކަމުގައިވާނަމަ، މަޖިލިސް ވަކި ވަގުތަކަށް ނިންމުމަށް އަދި މަޖިލީހުން ކުރިއަށް އޮތް ދެ ދުވަހަށް ކޮންމެހެން ނިންމުމަށް ހުރި މައްސަލަތަކަށް އުނިކަން ނާންނާނެގޮތަށް އެ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުމަށް ފުރުޞަތު ދެވިދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް