ކ.ތިލަފުށީގައި ގާއިމްކުރާ ބަލްކް ޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާއިރު، ޕޯޓު ތަރައްގީ ކުރުމަށް އޭޕްރީލް މަހުގެ ތެރޭގައި ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ، މާލޭ ކޮމަރޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި، މިހާރު ޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމިފައިވާކަމަށެވެ. ފޭސްތަކަކަށް ބަހާލައިގެން ތަރައްގީ ކުރާއިރު، ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އުންމީދުކުރައްވަނީ ކޮންޓްރެކްޓަރަކު ހަމަޖެހި، އޭޕްރީލް މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް ކަމަށެވެ.
ވަޖީހު ވިދާޅުވީ ތިލަފުށީގައި ގާއިމުކުރެވޭ ޕޯޓު ތަރައްގީ ކުރެވުމުން، މިހާރު ދިމާވާ މައިގަނޑު ދަތިތަކަށް ހައްލު ލިބި، ބޯޓުތަކަށް އަވަހަށް ޚިދުމަތް ލިބޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ ޓާގެޓަކީ މިގޮތަށް (އަޅުގަނޑުމެންގެ ޕްލޭންތަކާ އެއްގޮތަށް) ކަންކަން ދާ ކަމަށްވަނީނަމަ، 2025 ވަނަ އަހަރުގެ ނިޔަލަށް 600 ކިލޯމީޓަރުގެ ކީވޯލެއް، އެއީ އެއްފަހަރާ އެންމެ ބޮޑެތި ބޯޓަށް ޚިދުމަތް ދެވޭވަރުގެ އެތަނުގައި ގާއިމްކުރަން. އެއަށްފަހު ދެން ހުރި ކަންކަން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާނީ. ކީވޯލް އެތަނުގަ ގާއިމްކުރެވުނީމަ އަޅުގަނޑުމެންނާ ހިސާބުން އޮޕަރޭޝަންގެ މަސައްކަތް ފެށޭނެ. އަޅުގަނޑުމެންނަށް މިތަނުގަ ހުރި ގޮންޖެހުންތަކުގެ ބޮޑު ބައެއް ހައްލުކުރެވޭނެ. މީ އަޅުގަނޑުމެންގެ ވިސްނުމަކީ.އެމްޕީއެލްގެ ސީއީއޯ، މުހައްމަދު ވަޖީހު އިބްރާހިމްހީމް
ތިލަފުށީގައި ބައިނަލްއަގުވާމީ ޕޯރޓެއް ތަރައްގީކުރަން އެމްޕީއެލުން ނިންމީ މާލޭގައި ބޭނުންކުރާ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވުމާ ގުޅިގެންނެވެ. މާލޭ ޕޯޓުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، މުދާ ބޭލުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލު ކުރުމުގެގޮތުން ސަރުކާރުން ވަނީ ތިލަފުށީގައި ބަލްކް ޕޯޓް ގާއިމްކުރުމަށް ނިންމާފައެވެ.
އެމްޕީއެލުން ބުނީ މި ޕޯޓު ތަރައްގީ ކުރަމުންދަނީ ބޮޑެތި ކާގޯ އުޅަނދުފަހަރަށް ފަސޭހައިން ޚިދުމަތްދެވޭނެ ގޮތަށް ކަމަށެވެ.
ތިލަފުށީގައި ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަރ ކުރުމަށް ޖާގަ ލިބި، އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވާނެއެވެ. އެއީ މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަހައްދެއް ޚާއްސަކުރާނީ ޓަރމިނަލުގެ އޮޕަރޭޝަންތަކަށެވެ. އަދި 1.4 ހެކްޓަރުގެ ސަރަހައްދަކީ މުދާ ރައްކާކުރުމަށް ހަދާ ގުދަންތަކަށް ޚާއްސަ ޖާގައެކެވެ.