ސަރުކާރު ދިފާއު ކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް ސަރުކާރުން ކުރަން ބޭނުންހާ ކަމެއް ކުރުމަކަށް ސިފައިންގެ އެއްބާރުލުމެއް ނެތްކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ލީކުވެފައިވާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އޯޑިއޯއާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ބުދަ ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރީ އެމަޖިލީހުގެ މެޖޯރިޓީ ގެއްލުމުން ސަރުކާރުން ކުރަން ބޭނުންހާ ކަމެއް ކުރެވޭނެގޮތް ނުވުމުން ކަމަށާއި އެކަން ކުރައްވާފައި އެވަނީ އެމަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދެންދެން ކަމަށެވެ. އަދި އެކަން ކުރުމުގައި ދައުލަތުގެ ސަލާމަތީ ޚިދުމަތްތައް ބޭނުންކުރި ކުރުމަކީ ގޯސްކޮށް ކުރެވުނު ކަމެއްކަން މިހާރު އެމުއައްސަސާތަކުގެ ބޭފުޅުންނަށްވެސް އެނގިއްޖެ ކަމަށާއި ސަރުކާރަށް ވެސް މިހާރު އެކަން އެނގިއްޖެ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެކަން ހާމަވާ ސަބަބުތައް ލީކުވި ޑިފެންސް މިނިސްޓަރުގެ އޯޑިއޯއިން ހާމަވެއްޖެ ކަމަށާއި އެކަމުގައި އުޅުނު ސިފައިންނަށް ސުވާލު އުފެދުމާއި އެމީހުންނަށް ވިސްނައިދޭން ޖެހޭ ހިސާބަށް ދިއުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
ލީކުވި ޑިފެންސް މިނިސްޓަރުގެ އޯޑިއޯއިން ވަރަށް ގިނަ ކަންކަން އެނގިގެން ހިނގައްޖެ ކަމަށާއި އެފަދަ އޯޑިއޯއެއް ލީކުވުމަކީވެސް ސަރުކާރުން ބޭނުންހާ ކަމެއް ކުރެވެން ނެތްކަން އެނގިގެންދާ ކަމެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ ސިފައިންނަކީ ވަރަށް ތަފާތު އަޚްލާގެއް އެކުލެވޭ ޓްރޭނިންތަކެއް ހައްދަވާފައިވާ ބައެއް ކަމަށާއި އެމީހުން ލައްވާ ހިތުހުރި ކަމެއް ނުކުރެވޭނެ ކަމަށެވެ. އެކަން އެއޯޑިއޯގައި ދައްކާ ވާހަކަތަކުން ވެސް އެނގިގެން ހިނގައްޖެ ކަމަށާއި ސަރުކާރުން ބޭނުންވާހާ ކަމެއް ސިފައިންގެ ތެރެއިން ވާން ނެތްކަން މިހާރު ހާމަވެއްޖެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މިހާރު ފެނިގެން މިދަނީ ސަރުކާރަށް ކުރެވިގެން އުޅޭ ކަންކަން ގޯސްވެއްޖެކަން އެނގިގެންދާ މަންޒަރު ކަމަށާއި އެންމެ ބޮޑު އިތުބާރެއް އޮންނާނެ ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ ކަމަށެވެ.
"މިހާރު މިފެންނަނީ ކުރެވިގެން އުޅޭ ކަންތައްތައް ހަމަ އަސްލުވެސް ގޯސްވެއްޖެކަން އެމުއައްސަސާގެ ކޮންމެވެސް ބަޔަކަށް ޤަބޫލު ކުރެވިއްޖެކަން. އަދި ސަރުކާރަށްވެސް އެކަން އެނގިގެން އުޅޭތަން. ކުރެވުނު ކަންކަން ގޯސްވެއްޖެކަން ސިފައިންގެ އިސްބޭފުޅުން ތަކަކަށްވެސް އެނގުނީމަ މިފަދަ އޯޑިއޯ ލީކުވާނީ"ލީކުވި އޯޑިއޯއަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވިއެވެ.