Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 19:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ޕާޓީތައް
ގާނޫނާއި ހިލާފްވި ފުލުހުންނާއި ސިފައިންގެ މައްސަލަ ބަލާނަން، މި ބަޔާންތަކުގެ ބޭނުން ހިފޭނެ: އަލީ ހުސެއިން
ފުލުހުން މަޖިލިސް މެމްބަރުންނަށް މަޖިލިސް އިދާރާ ތެރެއަށް ވަދެވަޑައިގަތުމަށް ހުރަސް އަޅުއްވާފައެއް ނުވޭ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމުން މައްސަލަ ބަލާނަން
މިފަދަ ކަންކަމުން ލިބެނީ ހިތްވަރު

ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅި ފުލުހުންނާއި ސިފައިންގެ މައްސަލަ ބަލާނެ ދުވަހެއް އަންނާނެ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ  މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މި ނަގާ ބަޔާން ތަކުގެ ބޭނުން ފަހުން ހިފޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީނަކީ ތާއަބަދު ވެރިކަމުގައި ހުންނަވާނެ ބޭފުޅެން ނޫންކަން ފާހަގަކުރަމުން އަލީ ހުސެއިން ވިދާޅުވީ ، ވެރިކަން ބަދަލުވާ ދުވަހުން ، އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްވި ބަޔާން ތަކުގައި ބަޔާންކޮށްފައިވާ ކަންކަން ބަލާނެ ކަމަށެވެ.

 

އެގޮތުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވެންނެވި އެސްއޯ ފުލުހުންނާއި، އެ ދުވަހު ގާނޫނާއި ހިލާފަށް އަމަލުކުރި ސިފައިންގެ މައްސަލަ ބެލޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންނަން ދެއްވާ ބަޔާންތަކުގައި އެވާހަކަތައް  ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އަލީ ހުސެއެއިން ވިދާޅުވިއެވެ.

 

މިމަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން، އެ މެންބަރުންނަށް ހުރަސް އަޅައި ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތުތަކެއްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެގޮތުން އަލީ ހުސެއިންގެ އިތުރުން، ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ގެ މައްޗަށް ވެސް ހަތަރު ތުހުމަތެއް ކޮށްފައިވެއެވެ.

 

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލުމާއި، ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި ،ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުގެ  ތުހުމަތެވެ.

 

އަލީ ހުސެއިން ވިދާޅުވީ ބުރާސްފަތި ދުވަހު، މި މައްސަލާއިގައި ބަޔާން ދީފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަ ތަކުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ޖިނާއި ތަހުގީގު ހިންގާއިރު ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް