މިސަރުކާރަށް ތިން މަހަށްވުރެ ގިނަދުވަސްވީއިރު މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހަވާލުނުކުރެވެންވީ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ފަލާހުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން އިތުރަށް ބިން ހިއްކައިގެން އެމަސައްކަތް ކޮށްފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެމްޑީޕީން ފާހަގަކުރަމުން އައި ގޮތަށް މިސަރުކާރު އައުމާއެކު އެމަސައްކަތްތައް މިވަނީ ހުއްޓުމަކަށް އައިސްފައިކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ނުދޭން ތަފާތު ބަހަނާތައް މިސަރުކާރުން ދައްކަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވިދާޅުވި ގޮތާއި ޚިލާފަށް އަމަލުކުރަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކެމްޕެއިން ތެރޭގައި ވަރަށް ސާފުކޮށް ވިދާޅުވީ މާލޭގެ އެއްވެސް ރައްޔިތަކު އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލާކަށް ނުޖެހޭނޭ ގުޅީފަޅާއި ނޫނީ ގިރާވަރުފަޅު ނޫނީ ހުޅުމާލެ އިން ގޯއްޗެއް ހޯދާކަށް. އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް. މިހާރު އެއޮތީ އޮޅުވާލުން އިންތިހާއަށް. ތިން މަސް ދުވަސްތެރޭގައި މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އެހެންނަމަވެސް އޮޅުވާލަމުން މިދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމީހުން ބޭނުންގޮތަކަށް އެލިސްޓް ބަދަލު ކޮށް އެއަށް ބޭނުންވާ ބަދަލު ގެނައުމަށްއެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ފަލާހު އަށް އިޝާރާތްކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ފަލާހަކީ ހޮވުނު ފިކުރާ އެއްގޮތަށް މަސައްކަތްކުރައްވާ މެމްބަރެއްކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލުގަޔާއި ރައްޔިތުންގެ މަޖިލީހުގައި އިންނަވައިގެން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ބުރަ މަސަައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ.