ކ. މާލެ
|
8 މާރޗް 2024 | ހުކުރު 18:41
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ
ސިޔާސީ މަޤާމުތަކަށް ކަނބަލުން ހޮވުން
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއް - އެމްޑީޕީ
 
އަންހެނުންގެ ރޫހުގެ ރައީސް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިސްލާހުން މަޖިލީހުގައި އަންހެނުން އިތުރުވާނެ ކަމަށް ބުނެފައިވޭ

ރައްޔިތުންގެމަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއްކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން އެހެން ބުނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކޮށް ނެރުނު ބަޔާނުގައެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިވަގުތު ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ތެރެއިން، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދާދިނުމަށް އެ ޕާޓީއިން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމް.ޑީ.ޕީއިން އަންހެނުން ބާރުވެރި ކުރުމަށާއި، ޤައުމުގެ ހުރިހާކަމެއް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކުރަމުން ދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ތިބޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އެމް.ޑީ.ޕީ ޑިމޮކްރަސީއަށްކުރި ދަތުރުގައި އަންހެނުންނަކީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވެ، މިގެނެވުނު ހެޔޮބަދަލުތަކުގެ އެންމެބޮޑު އެއް ހިއްސާދާރުކަން ފާހަގަކޮށް، މި މުނާސަބު ދުވަހު، މިމަސައްކަތުގައި ބައިވެރިވި ހުރިހާ އަންހެނުންނަށް ޝުކުރާއި މަރުހަބާ ދަންނަވާފައިވެއެވެ.

މީގެ އިތުރުން އެމް.ޑީ.ޕީގެ ސިޔާސަތުތައް ބައްޓަންކުރުމުންފެށިގެންގޮސް އެކަންކަން ތަންފީޒުކުރުމާ ހަމަޔަށް، އަންހެނުންގެ ހިއްސާއޮތްކަމުގައި ވިޔަސް، އަދިވެސް އެކަށީގެންވާ މިންވަރަށް އެހިއްސާނެތްކަން އެ ޕާޓީން ގަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި ލީޑަރޝިޕް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ ޕާޓީއިން ގަބޫލުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ. 2018 އިން 2023 އަށް އޮތް އެމް.ޑީ.ޕީގެ ކޯލީޝަން ސަރުކާރުން މިކަންކަން ރަނގަޅު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިގޮތުން ވަޒީރުކަމުން ފެށިގެންގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކަށް ގިނައަދަދެއްގެ އަންހެނުން އައްޔަނު ކުރެވިފައިވާ ކަމަށާއި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ އެންމެ އިސްވެރިންނަށް އަންހެނުންނާ ފިރިހެނުން ހަމަހަމައަށް އައްޔަނުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމާއި، އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 6 މަސްދުވަސް ކަނޑައަޅާ، ދަރިއަކު ލިބުމާގުޅިގެން ފިރިހެނުންނަށްވެސް 1 މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތް ހަދާދެވުނުކަން ފާހަގަކޮށްފައިވެއެވެ.

އަދި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެމް.ޑީ.ޕީ ސަރުކާރުން ކުރި އެންމެ މުހިންމުކަމެއްގެ ގޮތުގައި ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަ ކުރެވުނު %33 ގެ ކޯޓާ ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން އެތައް އަންހެން ލީޑަރުންނެއް އުފެދިގެން ދިޔަކަން އުފަލާއެކު ފާހަގަ ކުރާކަމަށް ބުނެފައިވެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުމަށް އެކޮމިޓީތަކަށްދޭ ފައިސާގެ އަދަދުވެސް ވަނީ އިތުރުކުރެވިފަ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި ފުރަތަމަފަހަރަށް ސުޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރެވިފައިވަނީވެސް އެމް.ޑީ.ޕީގެ ފާއިތުވި 5 އަހަރުގެ ވެރިކަމުގެތެރޭގައިކަމީ އެ ޕާޓީން ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށް އެ ޕާޓީއިން ކުރަމުން ދާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. އަންހެނުން ބާރުވެރިކުރުމަށް ކުރާމަސައްކަތަކީ ގައުމީ އިންވެސްޓްމަންޓަކަށް ވީހިނދު، މިކަން ހާސިލް ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް