ކ. މާލެ
|
6 މާރޗް 2024 | ބުދަ 12:19
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުޓުބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ، ސަމާލުވެ ތިބެން ޖެހޭ: ގާޑިއޯލާ
 
ކޮންމެ ކަމެއް ވެސް ވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށް އޭނާ ބުނީ، މެޗާ މެދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް

ފުޓުބޯޅައިގައި ކޮންމެ ވަގުތެއްގައި ވެސް ޙާލަތު ބަދަލުވެ، ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށާއި ސަމާލުވެގެން ތިބެން ޖެހޭނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެފްސީ ކޯޕަންހޭގަންއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ކޯޕަންހޭގަންގެ ދަނޑުގައި ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ކާމިޔާބު ކުރީ 3-1 އިންނެވެ. ދެ ވަނަ ލެގު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އޮތް ނަމަވެސް، ގާޑިއޯލާ ދެކޭ ގޮތުގައި މެޗަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.

އޭނާ ބުނީ ފުޓުބޯޅައިގައި ކަންކަން ބަދަަލު ވެގެން ދަނީ މީހުން އުންމީދު ވެސް ނުކުރާ ގޮތަށް ކަމަށެވެ. ކޮންމެ ކަމެއް ވެސް ވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށް އޭނާ ބުނީ، މެޗާ މެދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ގަދަ 16 ވަނަ ބުރު ފަހަަނަ އަޅައި، ކުއާޓާ ފައިނަލަށް ކޮލިފައިވާން ބޭނުންވާނަމަ، ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސިޓީގެ އަމާޒަކީ ކުއާޓާ ފައިނަލުން ޖާގަ ހޯދުންކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ކޯޕަންހޭގަން އަށް އޭނާ ވަރަށް ބޮޑަށް އިޙުތިރާމް ކުރަން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އެ ޓީމުން ޑިފެންސްގައި ކުރަމުން އަންނަ މަސައްކަތާއި ލިބޭ ފުރުސަތުގައި އެޓޭކު ކުރުމަށް ކުރާ މަސައްކަތް ގާޑިއޯލާ ފާހަގަ ކުރި އެވެ. އެއީ ސިޓީގެ ހުރިހާ ކުޅުންތެރިން ވަރަށް ވިސްނުންތެރިކަމާއެކު ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް