ފަހަކަށް އައިސް މާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން 34 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މާލޭގައި ހިނގާދިޔަ އެކިއެކި މާރާމާރީތަކާ ގުޅިގެން ކޯޓްއަމުރެއްގެ ދަށުން 34 މީހަކު ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެ މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާރާމާރީތަކާ ގުޅިގެން ބަޔަކު މީހުން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި މިވަނީ މި ދިޔަ ދެ ހަފްތާ ތެރޭގައި ވަޅިން ހަމަލާދީ ދެ ޒުވާނަކު މަރާލާފައި ވަނިކޮށެވެ.
މާރާމާރީތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 34 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ މިހާރު މާލޭގައި ހިނގަމުންދާ އެކިއެކި މާމާމާރީތަކާ ގުޅިގެން ފުލުހުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އެގޮތުން 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީގެ ދެހަފުތާއެއް ކުރިއާ ހަމައަށް ދިވެހިރާއްޖެ އޮތީ ވަރަށް އަމާން އޮމާން ކަމާއެކު ސުލްހަވެރިކަމާއި ވަރަށް ދިވެހިވަންތަ ކަމާއެކު ރައްޔިތުން ދިރިއުޅެމުން ދާ ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު މުޖުތަމައު ހަލަބޮލިވެ ކަންކަން މެދުވެރިވަމުން ދާކަމަށެވެ. މިއީ އިއްތިފާގެއްތޯ ނުވަތަ ބަޔަކު ގަސްދުގައި ކުރާ ކަމެއްތޯ އަދި ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.