ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 13:42
ޝެހެނާޒް ބަކްރު؛ ގެދޮރު ގެއްލިފައި ވާ ފަލަސްޠީނު މީހެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ނިރުބަވެރި ޔަހޫދީންނަށް ނައްސި ނުކުރެވުނު ފައްސި ހިތް...
 
ރެފިއުޖީ ކޭމްޕުގައި ޝެހެނާޒް ވަގުތު ހޭދަ ކުރަނީ، ވިޔުމުގެ މަސައްކަތުގައި، ގަދަ ފިނިން ސަލާމަތްވާން ބޭނުން ކުރެވޭ ފަދަ ތޮތްޕާއި، އަންގި އަދި އިސްޓާކީން ފަދަ ތަކެތި ވިޔުމުގެ މަސައްކަތުގައި
 
ބާ ހެދުން ގެނެސް، އެ ނިއުޅުވައިގެން ފިނި މޫސުމަށް ޚާއްޞަ އަންނައުނު ތައްޔާރު ކުރުމަކީ މިއަދު ޝެހެނާޒްގެ މަސައްކަތް

5 މަހާ ގާތްވަމުންދާ ޤަތުލުޢާންމެއްގައި ބެދިފައިވާ ޣައްޒާއިން ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކަކީ މިނިވަންކަމާއި އަމާންކަން ލިބިގެންވާ ޖައްވަކަށް ނޭވާލަމުންދާ ކޮންމެ މީހަކުވެސް ޢިބްރަތް ލިބިގަންނަން ޖެހޭ މުހިންމު ފިލާވަޅުތަކެކެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ ޟަރޫރީ އަދި އަސާސީ ޙައްޤުތަކުން މަހްރޫމުވެފައި ވާ ޙާލު، ޣައްޒާގެ ރަށްވެހިން އެ ޤައިދުޚާނާގައި ދުވަސްތައް ގުނަމުން ދަނީ، އަމިއްލަ ނަފުސަށް އިސްކަން ދޭ ފަދައިން، އެހެން މީހުންނަށްވެސް އެ ލޯބި ދެމުންނެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އެކުގައި ހެން ރެފިއުޖީންގެ ގޮތުގައި މިއަދު ދިރިއުޅެމުން ދަނީ ރަފަޙުގައެވެ. ވަގުތީ ރެފިއުޖީ ކޭމްޕުތަކުން ތޮއްޖެހިފައި އޮތް ރަފަޙުގެ ޓެންޓެއްގައި އިން ޢުމުރުން 65 އަހަރުގެ ޝެހެނާޒް ބަކްރުގެ އަތުގައި އަބަދުހެން އޮންނަ ވިޔާކަށިތަކުންވެސް، އަނެކާއަށްޓަކައި ޣައްޒާގެ ރަށްވެހިންގެ ހިތުގައި ޖަހަމުންދާ ވިންދު ސާބިތުކޮށްދެއެވެ. ރެފިއުޖީ ކޭމްޕުގައި ޝެހެނާޒް ވަގުތު ހޭދަ ކުރަނީ، ވިޔުމުގެ މަސައްކަތުގައެވެ. ގަދަ ފިނިން ސަލާމަތްވާން ބޭނުން ކުރެވޭ ފަދަ ތޮތްޕާއި، އަންގި އަދި އިސްޓާކީން ފަދަ ތަކެތި ވިޔުމުގެ މަސައްކަތުގައެވެ. ޝެހެނާޒް ވިޔާ އެއްޗެހި ޚާއްޞަ ކުރަނީ، ޣައްޒާގެ ރެފިއުޖީންގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ކުޑަކުދިންނަށެވެ.

މިތަނަށް އަހަރެން އައި އިރު މި ފެންނަނީ އެކަށީގެންވާ މިންވަރަށް ހަށިގަނޑަށް ނިވާކަން ނުލިބޭ ކަހަލަ ހެދުމުގެ އުޅޭ މީހުން. އަތް ކުރު ހެދުމުގަވެސް ބަޔަކު އުޅޭ. ބައެއް މީހުން ތިބީ ވަރަށް ބޮޑަށް ފިނިވެފަ. ބައެއް ކުދިންގެ ތުންފަތް ވެސް ހުރީ ނޫކުލަ އަރާފަ. ދެން އަހަރެންގެ ފިރިހެން ދަރިފުޅު ފޮނުވައިގެން، ބާ ހެދުންކޮޅެއް ހޯދީ. ބާ ހެދުންތައް އެކީ އެކައްޗަކަށް ނިއުޅުވައިގެން އަހަރެން މި ތައްޔާރު ކުރަނީ ހެދުމާއި، ގަމީގާއި، ޖެކެޓް، ސްކާފް، އަދި އިސްޓާކީން، ކުޑަކުދިންނަށް. އެ ކުދިންގެ ފައިތިލަތައްވެސް ހުރީ ގަނޑުވެ، ނޫކުލަ އަރާފަ.
ޝެހެނާޒް ބަކްރު؛ ގެދޮރު ގެއްލިފައި ވާ ފަލަސްޠީނު މީހެއް

މި ވަގުތު ދެކުނުގައި "ދިރިއުޅުނެއް" ކަމަކު، ޝެހެނާޒް ނިސްބަތް ވަނީ ޤަތުލުޢާންމުގެ އެންމެ ކުރީކޮޅު ޙަމަލާތައް އިންތިހާއަށް ވަރުގަދަ ކުރި އުތުރުގެ ޣައްޒާ ސިޓީއަށެވެ. ޝެހެނާޒް ކިޔައި ދިން ގޮތުގައި، ގަދަ ފިނިން ސަލާމަތް ވާން، އެކަށީގެންވާ ދިފާޢެއް ނުވަތަ ހުރަހެއް ނެތި ކުޑަކުދިން ކޮޅުކޮޅަށް ދުވާތަން ބަލަން އިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހީއެއް ވާން ބަޔަކު އަންނާނެ ކަމަށް އިނުމުގެ ބަދަލުގައި ޝެހެނާޒް ޢަމަލީ މަސައްކަތް ފެށިއެވެ. ބާޒަރަށް ދަރިފުޅު ފޮނުވައިގެން، ބާ ހެދުން ގަނެއެވެ. ބާ ހެދުން ގެނެސް، އެ ނިއުޅުވައިގެން ފިނި މޫސުމަށް ޚާއްޞަ އަންނައުނު ތައްޔާރު ކުރުމަކީ މިއަދު ޝެހެނާޒްގެ މަސައްކަތެވެ.

އެ ކުއްޖާގެ ބޮލުގަ ތޮފި އަޅުވާ ހިސާބުން ހިނިތުން ވެލާ. އެ ކުދިންގެ ހިނިތުން ވެލީމަ، އަހަންނަށް އެ ކުރާ އަސަރު، ކަލޭމެންނަކަށް ނޭނގޭނެ. ކުއްޖަކު އަހަންނާ ދިމާއަށް ބަލާލާފަ، ދައްތާ ޝުކުރިއްޔާއޭ، މާތް ﷲ ދައްތައަށް ރަޙުމަތްލައްވާށިއޭ ބުނެ، އުފަލުން ކޮޅުކޮޅަށް ދުވެލާތަން ފެނުނީމަ އެ ކުރެވޭ އިޙްސާސް... ދުނިޔޭގަ ހުރި ހުރިހާ ފައިސާއެއް ލިބުން ހާ އަގުހުރި.
ޝެހެނާޒް ބަކްރު؛ ގެދޮރު ގެއްލިފައި ވާ ފަލަސްޠީނު މީހެއް

ސްކޫލު ދައުރުގައި ދަސްކުރި ހުނަރުގެ ބޭނުން، މިއަދުވެސް ޝެހެނާޒް ހިފަމުން ދާ ކަމީ، އޭނާގެ ހިތުގައި ވާ ފައްސި ފިކުރުގެ ރަމްޒެކެވެ.

އަހަރެން މި ހުނަރު ދަސްކުރީ ސްކޫލުގަ އުޅުނުއިރު، ކުޑަކުއިރު. ދުވަހަކުވެސް ހަނދާނެއް ނުނެތޭ މި މަސައްކަތެއް. ދެން އެ ދަސްވެފަ ހުރި ހުނަރަކާއެކީ މަސައްކަތް ފަށައިގަނެގެން، ޔޫޓިއުބުން ދަސްކުރީ، އެކިއެކި އުކުޅުތައް. އެކި އެއްޗެހި ވިޔަން ދަސްކުރީ. ޔޫޓިއުބްގަ ވަރަށް ހިތްގައިމު އެއްޗެހި ހަދާފަ ހުއްޓާ ފެނޭ، އެހެންވެ، ޔޫޓިއުބް އަޅުވައިގެން މަސައްކަތް ކުރަމުން ދިޔައީ.
ޝެހެނާޒް ބަކްރު؛ ގެދޮރު ގެއްލިފައި ވާ ފަލަސްޠީނު މީހެއް

ކޮންމެ ޙާލެއްގައި ދުވަސްތައް ގުނަން ޖެހުނު ކަމުގައި ވީ ނަމަވެސް، ޝެހެނާޒްގެ އުންމީދުތަކަކީ ފޮނި އުންމީދުތަކެކެވެ. ހުވަފެންތަކެއް ދެކެއެވެ.

ބޭނުންވަނީ އަނބުރާ ޣައްޒާ ސިޓީއަށް ދާން. ހަނގުރާމަ ނިމި، ޣައްޒާ ސިޓީގަ ހުރި އަހަރެންގެ ގެދޮރުގަ، ސަލާމަތާއި ރައްކާތެރިކަމާއެކީ ދިރިއުޅެން. ދެވަނަ އުންމީދަކީ މަސްޖިދުލްއަޤްޞާ މިނިވަންވުން... އަހަރެމެންނަށް އެތާ ނަމާދުކޮށް އަޅުކަން ކުރެވޭ ގޮތްވުން. އަހަރެމެންގެ އުންމީދަކީ، އަޤްޞާ މިސްކިތު ގުއްބުގަ ފަލަސްޠީނުގެ ދިދަ ވިހުރާލުމުގެ ފުރުޞަތު، އަހަރެމެންގެ ޒުވާނުންނަށް ލިބުން.
ޝެހެނާޒް ބަކްރު؛ ގެދޮރު ގެއްލިފައި ވާ ފަލަސްޠީނު މީހެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އިޒްރޭލުން ޤަތުލުޢާންމު ހިންގަން ފެށީ، އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކުއްލި ޙަމަލާ، އުޒުރެއް ކަމުގައި ހަދައިގެންނެވެ. ޙަމާސްގެ އެ ޙަމަލާގައި އިޒްރޭލުން 1200 އެއްހާ މީހުންގެ ފުރާނަ ގެއްލުނުއިރު، 253 މީހަކު ރަހީނު ކުރިއެވެ. އޭގެ ތެރެއިން ބަޔަކު މިހާރު ވަނީ މިނިވަންވެސް ކޮށްފައެވެ. އެ ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު، 30000 އާ ގާތް ކުރެއެވެ. ޢިމާރާތްތަކުގެ ދަށުގައިވާ ޤަބުރުތައް ހިމަނައިފިނަމަ، މި ޢަދަދު ޔަޤީނުންވެސް އިތުރު ވާނެއެވެ. ލައްކައަކާ ގާތް ކުރާ ޢަދަދަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް