ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 15:56
މަނާލް އަބޫ ޝަވީޝް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ކާން ގަތް ފުށްކޮޅުގައިވެސް ހުރީ ޖަނަވާރު ހުއި..."
 
ސާފު ތާހިރު ކަން ކުޑަ ވުމުގެ ސަބަބުން، ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަންތަކުގެ ސީރިއަސް އަސަރު ކުރި ކޭސްތަކުގެ ޢަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރާ
 
ސްކޫލުގައި ހުރި ވަގުތީ ހިޔާވަހިކަމުގެ ދަށުގައި އެކަނިވެސް، ގެދޮރު ގެއްލިފައި ވާ 200 އެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދާ އިރު، ކަރަންޓީނު ކުރާނެ އުސޫލެއް ނެތް

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ ޟަރޫރީ ޙައްޤުތަކުންވެސް މަހްރޫމުވެފައި ވާ ފަލަސްޠީނުގެ ޣައްޒާގެ ވަޒަންވެރިން އުފުލަމުންދާ ތަކުލީފުތަކަކީ މި ފަހުގެ ތާރީޚުގައި ބަޔަކު އުފުލި ތަކުލީފުތަކެއް ނޫނެވެ. ކުރިއަރާފައި ވާ ކަމަށް ބުނާ އަދުގެ 21 ވަނަ ޤަރުނުގެ ދުނިޔޭގައި، ޣައްޒާގެ ރަށްވެހިން "ދިރިއުޅެމުން" ދަނީ ކޮން ފަދަ ނިކަމެތި ޙާލެއްގައި ކަން އަހަރެމެންނަށް ވަޒަންވެސް ނުކުރެވޭނެއެވެ. ނިރުބަވެރި އިޒްރޭލުގެ ލާއިންސާނި ޤަތުލުޢާންމުގައި ބެދި، 5 މަސްދުވަސް ވާން ދާ އިރު، އިތުރު އެތައް ބިރަކާއި ނާމާންކަމެއް، ޣައްޒާގެ ފަޒާ ވަނީ ބަނަކޮށްފައެވެ.

ޣައްޒާއަށް ސާފު ބޯފެން ފޮދެއް ލިބޭނެ ގޮތެއް ނެތެވެ. ކަރު ހިއްކުން ފިލުވާލުމަށް ބޯލަން ލިބޭ ހަމަ އެކަނި އެއްޗަކީ މޫދު ލޮނާއި، ތަޣައްޔަރު ވެފައި ވާ ފެން ފޮދެކެވެ. ނަތީޖާއަކަށް ވީ، ނުރައްކާތެރި އެތައް ބައްޔެއް ޣައްޒާގައި ފެތުރިގެން ދިއުމެވެ. އެ ބަލިތަކުގެ ޝިކާރައަކަށް ވެ، އިތުރު ކުދިންތަކެއް ޔަތީމު ވުމެވެ. ދާނެ ހޮސްޕިޓަލެއް ނެތި، ފަރުވާ ހޯދޭނެ ގޮތެއް ނެތި، އެތައް ބަޔަކު އަނެއްކާވެސް އިތުރަށް ބިކަވީއެވެ.

ޣައްޒާގައި ގެދޮރު ގެއްލިފައި ވާ ޢާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ. ކަން މިހެން އޮތް އިރު، ކުޑަކުދިންގެ ޢާބާދީގައިވެސް ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ. އެގޮތުން، ކުދިންގެ ތެރޭގައި އެންމެ ޢާންމުކޮށް ފެތުރެމުންދާ އެއް ބައްޔަކީ ހެޕަޓައިޓިސް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޤަތުލުޢާންމު ފަށައިގެން އައިތާ ކުރީ ކޮޅު، ޙަމަލާތައް އެންމެ ވަރުގަދަ ކުރި ޣައްޒާ ސިޓީ ސަރަޙައްދުގައި ހުރި ވަގުތީ ހިޔާވައްސަކަށް ވަދެލަމާ ހިނގާށެވެ. އެއީ މީގެ ކުރިން ސްކޫލެއް ނަމަވެސް، މިއަދު އެ ތަނަކީ އެތައް ބަޔަކަށް އޮތް ހަމަ އެކަނި ހިޔާވަހި ކަމެވެ. ސްކޫލު ހިޔާވަހިން ބައްދަލުވި، ޢުމުރުން އެންމެ 7 އަހަރުގެ މޫނާ އަބޫ ޝަވީޝްއަކީ ހެޕަޓައިޓިސް ޖެހިފައިވާ ކުއްޖެކެވެ.

މޫނާއާއި އޭނާގެ ޢާއިލާ، ސްކޫލުގައި ވަގުތި ހިޔާވަހިކަން ހޯދަމުން ދަނީ، ފެބްރުއަރީ 18 ވަނަ ދުވަހު އިޒްރޭލު އަސްކަރިއްޔާއިން ޣައްޒާ ސިޓީއަށް ދިން ބޮމުގެ ޙަމަލާއެއްގައި، މޫނާގެ ޢާއިލީ ގެ ސުންނާފަތި ވުމާ ގުޅިގެންނެނެވެ.

ވަގުތީ ހިޔާވައްސެކޭ ދެންނެވިއަސް، އެއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ޙާލަތެއްގައި ހުރި ތަނެއް ނޫނެވެ. މޫނާގެ މަންމަ، މަނާލް އަބޫ ޝަވީޝްގެ ވާހަކަތައް އެކަމަށް ހެކިދެއެވެ.

ވަގުތީ ހިޔަލުގަ ސާފުތާހިރުކަން ވަރަށް ކުޑަ. ސާފު ބޯފެނުގެ ސަޕްލައިއެއް ނެތް. ފެން ފޮދެއް ވިއްޔާ ދެން ބޮނީ މި. އަހަރެމެން މި ބޮނީ ސާފު ފެނެއް ނޫން. ދަރިފުޅަށް ވަނީ ހެޕަޓައިޓިސް ޖެހިފަ. ސާފުތާހިރުކަމުގެ ކަންފުޅެއްވެސް މިތާ ނެތީ. ކާއެއްޗެއް، ފެންފޮދެއް ނެތް. އަހަރެމެން ގަތް ފުށްކޮޅުގަވެސް ހުރީ، މުގުރާފަ ހުރި ޖަނަވާރު ހުއި. ކާނީ ކޯންޗެއް ކަމެއްވެސް ނޭނގެ އަހަރެމެން.
މަނާލް އަބޫ ޝަވީޝް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހެއް

މޫނާގެ ބައްޔަށް އަދި ފަރުވާ ދެވޭ ގޮތެއް ނުވެއެވެ. ސްކޫލުގައި ހުރި ވަގުތީ ހިޔާވަހިކަމުގެ ދަށުގައި އެކަނިވެސް، ގެދޮރު ގެއްލިފައި ވާ 200 އެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދާ އިރު، ކަރަންޓީނު ކުރާނެ އުސޫލެއް ނެތެވެ. ކަރަންޓީނު ކުރެވޭނެ ގޮތެއްވެސް ނެތެވެ. އެހެން ކަމުން، ހެޕަޓައިޓިސް ވައިރަސް ފެތުރެމުން ދަނީ ހަލުވިކަމާއެކުއެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރާ ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޢާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސާފު ތާހިރު ކަން ކުޑަ ވުމުގެ ސަބަބުން، ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަންތަކުގެ ސީރިއަސް އަސަރު ކުރި ކޭސްތަކުގެ ޢަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައެވެ. ބޭރަށް ހިންގުމުގެ ސީރިއަސް ކޭސްތަކުގެ ޢަދަދު 2 ލައްކައަށް ވުރެ މައްޗަށް އަރާ އިރު، 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ 5 އަހަރުން ދަށުގެ ކުޑަކުދިން ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

ބަލިމަޑުކަން އޭގެ އެންމެ އިންތިހާއަށް ފެތުރމުން ދާ އިރު، ހަށިގަނޑުގެ ދިފާޢަށް ބޭނުންވާނެ ބުންވަރާއި ހަކަތަ ޖައްސަން ބޭނުން ކުރާނެ ކާބޯތަކެއްޗެއްވެސް ޣައްޒާއަކު ނެތެވެ. ވަގުތީ ހިޔަލުގައި ތިބި މީހުންނަށްވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވަނީ އިންތިހާއަށެވެ.

ކުރިން އަހަރެން ގައިގަ ހުންނާނީ 91 ކިލޯ. މިހާރު 67 ކިލޯ ހުންނަނީ. ދަރިފުޅު ބުނާނެ މަގޭ ގާތުގަ، އޭނަ މަންމަ ގާތުގަވެސް، ހުވަފެނުން ފެނެޔޭ ކާން ބޭނުންވެގެން އުޅޭތީ. ކާބޯތަކެތީގެ ދަތިކަން ހުރީ ވަރަށް ސީރިއަސް ދަރަޖައެއްގަ، އުތުރު ޣައްޒާގަ.
ސަމީރް އަލް-ހަރަޒައިން؛ ގެދޮރުގެއްލިފައިވާ ޣައްޒާ ރަށްވެއްސެއް

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ) އިން އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ހާމަ ކޮށްފައި ވާ ގޮތުގައި، ސާފު ބޯފެން ތަދުވުމާއި، ކުނިބުނި އިތުރުވުމުގެ ސަބަބުން، ޣައްޒާގައި ބަލިމަޑުކަން ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދުގެ ޙާލަތު ވަރަށް ގޯސް ކަމަށާއި، އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދަނީ، ޣައްޒާއަށް ބޭނުން ވާ އެހީ، ވީ އެންމެ ފުރިހަމައަކަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ޔޫއެންއާރްޑަބްލިއުއޭއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް