ކ. މާލެ
|
1 މާރޗް 2024 | ހުކުރު 08:22
ކާނާގެ އިންތިޒާރުގައި ހުސްތަށިތަކެއް ހިފައިގެން ތިބި ޣައްޒާގެ ކުޑަކުދިންތަކެއް
ކާނާގެ އިންތިޒާރުގައި ހުސްތަށިތަކެއް ހިފައިގެން ތިބި ޣައްޒާގެ ކުޑަކުދިންތަކެއް
އަނަދޮލޫ
ޣައްޒާގެ މިއަދުގެ ޙާލަތު
ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަނޑުހައިހޫނުކަމުގައި މަރުވި ކުޑަކުދިންގެ އަދަދު 10 އަށް އަރައިފި
 
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަނޑުހައިހޫނުކަމުގައި މަރުވި ކުޑަކުދިންގެ އަދަދު 10 އަށް އަރައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފަހުން މަރުވެފައިވަނީ ކަމާލް އަދްވާން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ހަތަރު ކުއްޖަކު ކަމަށެވެ.

ބުދަ ދުވަހު އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ ކަމަލް އަދްވާން ހޮސްޕިޓަލުގައި ހަތަރު ކުއްޖަކު އަދި އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފާއިތުވި ދުވަސްތަކުގައި އިތުރު ދެ ކުއްޖަކު މަރުވީ ވެސް އެ ސަބަބުތަކާ ހެދި ކަމަށެވެ.

އަލްޤުދްރާ ވަނީ އިސްރާއީލު ސިފައިން ވަށާލާފައިވާ ޣައްޒާގެ އުތުރުގައި އިންސާނީ ކާރިސާއެއް ހިނގިޔަ ނުދިނުމަށް ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އަދި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އަޚްލާގީ އަދި އިންސާނީ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމާސް އިން ބުނީ ކުޑަކުދިން މަރުވުމަކީ އިންސާނިއްޔަތު ހިމާޔަތް ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ފެއިލްވުން ކަމަށެވެ.

ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ޔުނިސެފުން ވަނީ ޣައްޒާގައި ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުންކިރުދޭ މައިންގެ މެދުގައި މަލްނިއުޓްރިޝަން ވަރަށް ބޮޑަށް އިތުރުވުމަކީ އެމީހުންގެ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ހާއްސަކޮށް މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ މީހުންގެ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައެވެ.

އިސްރާއީލުން ޣައްޒާގެ 31 ހޮސްޕިޓަލަކަށް ބޮން އަޅައި، ހަލާކުކޮށް، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެޔޮ ނުލިބުމުގެ ސަބަބުން ހިދުމަތް މެދުކެނޑިފައިވާއިރު، 152 ސިއްހީ މަރުކަޒަކަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް