ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 15:10
2.3 މިލިއަން މީހުންގެ އާބާދީއެއް ދެކުނުގެ ރަފަހްގައި ތޮއްޖެހިފައި ވާއިރު، މަގުތައް މަތިން ސަމާލުކަން ދަމައިގަންނަ އެއް ބަޔަކީވެސް ޣައްޒާގެ ކުޑަކުދިން
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޔަހޫދީންނަށް ދޮވެނުލެވުނު ޣައްޒާގެ ސާބިތުކަން: ކުޑަކުދިންގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ހިތްވަރެއް!
 
ރަފަހްގެ މަގުތައް މަތިން މިއަދު ފެންނަނީ ކޮންމެވެސް އެއްޗެއް ވިއްކާލެވޭތޯ އުޅޭ ކުދިން
 
ޣައްޒާގެ ގެދޮރު ގެއްލިފައިވާ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ކުޑަކުދިން

މި ދުނިޔެމަތީގައި މިއަދު ކުޑަކުއްޖަކަށް އޮތް އެންމެ ނުރައްކާ މަންޒިލަކީ ފަލަސްތީނުގެ ޣައްޒާ ކަމާމެދު ދެބަސްވާނެ މީހަކު ހުންނާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. 4 މަސް ފުރި، 5 ވަނަ މަހަކާ ގާތަށް ދިގުލައި ގޮސްފައިވާ ގަތުލުއާންމުގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 30000އާ ގާތްކުރާއިރު، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޣައްޒާގެ މުސްތަގުބަލު ކަމުގައިވާ އަދުގެ ކުޑަކުދިންގެ ޖީލެއް ޔަތީމުވެ، ބިކަވަމުން އެދަނީ އަހަރެމެންގެ ކުރިމަތީގައެވެ. ނަމަވެސް، ފަހަރެއްގައިވެސް އެކުދިންގެ ހިތްތަކުން ސާބިތުކަން ފިލައިނުދެއެވެ. ނަސްލު ދޮވެލުމަށް، ޔަހޫދީ އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ގަތުލުއާންމުގައި ދިރިއުޅުން އެފުށްމިފުށަށް ޖަހާލި ކަމުގައި ވީނަމަވެސް، ޣައްޒާގެ މަގުތަކުގައި ވިއްސިވިހާލިވެ "އާވާރާވެގެން" އުޅޭ ކުދިންނެއް ނުފެނެއެވެ. ކޮންމެ ކުއްޖަކީވެސް ބޮޑު ޒިންމާ ކޮނޑު އަޅައިގެން ހުރި ކުއްޖެކެވެ.

ދިރިއުޅޭނެ ގޮތެއް ހޯދަން، މިހާރު މި އުޅެނީ ފޮނި އެއްޗެހި ވިއްކުމުގެ މަސައްކަތުގަ. އުމުރަކީ 13 އަހަރު. އުންމީދަކީ ޑޮކްޓަރަކަށް ވުން. ޗުއްޓީ ތެރޭގަ، އަހަންނަކީވެސް ފަތަން ގޮސް، ފުޓުބޯޅަ ކުޅެން ގޮސް އުޅުނު ކުއްޖެއް. އެކަމަކު، މި ހަނގުރާމައިގެ ތެރޭގަ އަހަންނަކަށް އެއް ކަމެއްވެސް ނުކުރެވޭ.
އާމިރު ޝާތިލީ؛ ޣައްޒާގެ ކުޑަކުއްޖެއް

2.3 މިލިއަން މީހުންގެ އާބާދީއެއްގެ އެންމެންހެން ދެކުނުގެ ރަފަހްގައި ތޮއްޖެހިފައި ވާއިރު، މަގުތައް މަތިން ސަމާލުކަން ދަމައިގަންނަ އެއް ބަޔަކީވެސް ޣައްޒާގެ ކުޑަކުދިންނެވެ. އެއީ ސްކޫލްތަކުގެ ކުލާސްތަކުގައި ކޮންމެވެސް އިލްމެއް އުނގެނެން ތިބެންޖެހޭ ބައެކެވެ. އެއީވެސް ފޮނި ހުވަފެންތަކެއް ދެކޭނެ ކުދިބައެކެވެ. ނަމަވެސް، މިއަދު އެ ހުރިހާ ކަމެއް ދޫކޮށް، ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ، ކިރިޔާވެސް ދިރިއުޅެލެވޭ ވަރު ކުރުމަށްޓަކައި، އާމްދަނީއެއް ހޯދުމަށެވެ.

ރަފަހްގެ މަގުތައް މަތިން މިއަދު ފެންނަނީ ކޮންމެވެސް އެއްޗެއް ވިއްކާލެވޭތޯ އުޅޭ ކުދިންނެވެ. ގެދޮރު ގެއްލިފައިވާ ޣައްޒާގެ ޢާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ކުޑަކުދިންނެވެ.

ނިރުބަވެރި އިޒްރޭލުގެ އަޅުވެތިކަމުގެ ތެރެއަށް އުފަންވިއެއް ކަމަކު، ޣައްޒާގެ ކުދިންނަކީވެސް ފޮނި ހުވަފެންތަކެއް ދެކޭ ކުދިބައެކެވެ. އެ ކުދިންވެސް ހާސިލުކުރަން ބޭނުންވާ އުންމީދުތަކަކާއި، ވާސިލުވާން ބޭނުން އަމާޒުތަކެއް އޮވެއެވެ. އެ ހުރިހާ ކަމެއް ހަވާސާ ކުރުމަށްފަހު، މިއަދު އެ ކުދިން ގަދައަޅައި މަސައްކަތްކުރަމުން އެ ދަނީ، އާއިލީ ދިރިއުޅުމުގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދެވޭތޯއެވެ.

ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭނެ ދުވަހެއްގެ ކޮޅުމަތިވެސް ފެންނަން ނެތްއިރު، ޣައްޒާގެ ކުދިންގެ ހިތް މަރުވަމުން ދާ ކަމުގެ ހިތްދަތި އަސަރުތައް މިހާރުވެސް ދަނީ ފެންނަމުންނެވެ.

އަހަރެންގެ އުމުރުން މި ވީ 14 އަހަރު. އަހަންނަކީވެސް ސްކޫލަށް ދިޔަ ކުއްޖެއް. ބޮޑުވެގެން، ކައްކާއަކަށް ވާން ބޭނުންވީ. އެކަމަކު، މި ހަނގުރާމަ، އަހަރެމެންގެ ހުވަފެންތައް ފުނޑުފުނޑުކޮށްފި. މިހާރު، އަހަންނަށް ކުރެވޭހާވެސް ކަމަކީ ފޮނިކާތަކެތި ވިއްކުން. މިތާ މި މަސައްކަތުގަ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ މިހާރު.
މުހައްމަދު ޣަޒާރީ؛ ޣައްޒާގެ ކުޑަކުއްޖެއް

ޣައްޒާގެ ޖީލެއް ޖިސްމާނީ ގޮތުން ނުކުޅެދޭ ހާލުގައި ބޮޑުވަމުން އަންނައިރު، އެ ކުދިން ތަހައްމަލު ކުރަމުންދާ ނަފްސާނީ އަނިޔާތަކަކީ އެހެން މީހަކަށް ވަޒަންވެސް ކުރެވޭނެ ވަރުގެ ވޭނެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް