ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށާއި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެ އިސްތިއުނާފް ބުރާސްފަތި ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އަދި އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ދެ މައްސަލަ ބަލައިގަނެފައިވަނީ ޖުލައި 25 ވަނަ ދުވަހު އެވެ.
އެ ދެ ކޯޓު އަމުރުގެ އިސްތިއުނާފް ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 އަށެވެ.
ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ހިންގާ ތަހުގީގު ކުރިއަށް ގެންދިއުމަށް ދޭތެރެދޭތެރެއިން ދޫނިދޫއަށް ގެންދެ އެވެ.
ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ.