ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު (މާދަމާ) ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވާލުކޮށްފިއެވެ.
ގާސިމްގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1.30 އަށެވެ.
މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ އަންގާރަ ދުވަހު އެވެ.
އަންގާރަ ދުވަހުގެ އަޑުއެހުން ސިއްރު ކުރުމާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލުން އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ގާސިމްގެ ގާނޫނީ ވަކީލު، ހިސާން ހުސެއިން ވިދާޅުވީ، ކޯޓުގައި އެގޮތަށް އެދުމުން، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފަހު އަންގަވާނެ ކަމަށް ކޯޓުން ބުނެފައިވާކަމަށެވެ.
ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއްވާހަކަތަކެއްކަން ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ފެއްޓެވުމަށް ނިންމަވާފައެވެ. އަދި 25 ވަނަ ދުވަހުގެ ރެއަށް ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ.
ނަމަވެސް ގާސިމްގެ ބަލިހާލަތު ހުރިގޮތުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ އަޑުއެހުން ކެންސަލް ކުރައްވާފައެވެ. އެ އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އާންމުން ނުވައްދާ ސިއްރުކޮށްގެންނެވެ.
ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ދަށުން ގާސިމަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ގާސިމަށް އަންނާނެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ޖަލު ހުކުމުގެ އަދަބު ޖޫރިމަނާ އަށް ނުވަތަ ގޭ ބަންދަށް ބަދަލު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ވަނީ ލިބިފައެވެ.